ކޮވިޑް 19

މިވަގުތަށް ބޭނުންވާ ވަރަށް ހެޒްމެޓް ސޫޓް އެބަހުރި: އެމްއެންޑީއެފް

އަހުމަދު އައުފް އަބްދުލް ސަމަދު

ނުރައްކާތެރި ހާލަތްތަކުގައި ލުމަށް ބޭނުންކުރާ ހެޒްމެޓް ސޫޓް މިވަގުތަށް ބޭނުންވާ ވަރަށް އެބަހުރި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

ކޮވިޑް19 ނުވަތަ ކޮރޯނާ ވަައިރަސް ރާއްޖެ އިން ފެނުމާއި ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުން އަދި އެސްޓީއޯ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ މިވަގުތަށް ބޭނުންވާ ވަރަށް ހެޒްމެޓް ސޫޓު ހުރިނަމަވެސް އިތުރަށް ސޫޓް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނަ ކަމަށެވެ.

ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވާ މީހުން އެއްތަނުން އަނެއް ތަނަކަށް ގެންދިއުމަށް ގިނަ ގައުމުތަކުގައި ހެޒްމެޓް ސޫޓް ބޭނުން ކުރެއެވެ. ރާއްޖޭގައި ވެސް ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ހެޒްމެޓް ސޫޓް ބޭނުންކުރާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންނަށް މިވަގުތު އޮތީ ސީ އެމްބިއުލެންސް ބޭނުން ކޮށްގެން މީހުން އުފުލަން ޖެހިއްޖެ ހާލަތެއްގައި މީހުން އެކި ތަންތަނަށް އުފުލުން ކަމަށެވެ. ނަމަވެސް އެ ހާދިސާއާ ގުޅިގެން ކޮންމެ ކަމެއް ކުރަން ޖެހުނު ނަަމަވެސް ރަައްޔިތުންގެ ހިދުމަތުގައި އަބަދުވެސް އެމްއެންޑީއެފް އޮންނާނީ ތައްޔާރަށް ކަމަށް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވިއެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައި ވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތްކުރަމުން އަންނަ ދެ ބިދެސީންނެވެ.