ކޮވިޑް 19

ރަށްވެހި ފަތިސް ކެމްޕެއިން އެމްޑީޕީން މެދުކަނޑާލައިފި

އަހުމަދު އައުފް އަބްދުލް ސަމަދު

ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖެ އިން ފެނުމާ ގުޅިގެން ލޯކަލް ކައުންސިލްއިންތިހާބަށް އެމްޑީޕީން ކުރަމުން ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިން ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ.

"ރަށްވެހިފަތިސް" މެދު ކަނޑާލަން އެ ޕާޓީން ނިންމީ ރާއްޖެއިން ކޮރޯނާ ވައިރަސް ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އެޕާޓީން ބުނެފައިވަނީ ވަކިގޮތެއް އަންގަންދެން އެ ޕާޓީގެ ކެމްޕެއިންގެ ހަރަކާތްތައް މަޑުޖައްސާފައިވާ ކަމަށެވެ.

ކޮރޯނާ ވައިރަސް އަށް ރާއްޖެ އިން ދެ މީހަކު ޕޮޒިޓިވް ވިކަން ސަރުކާރުން އިއުލާނު ކުރުމުގެ ކުރިން އެމްޑީޕީން ވަނީ އެޕާޓީގެ ކެމްޕެއިން ސޯޝަލް މީޑިޔާ މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އެގޮތުން ފޭސްބުކް އާއި ޓްވިޓާގެ އިތުރުން ވަޓްސްއަޕްގައި ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެ ޕާޓީން ކުރިން ނިންމިއެވެ.

އިއްޔެ އެ ޕާޓީން ބޭއްވި ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، ކޮރޯނާ ވައިރަހާ ގުޅިގެން، ހާސްވެ ކަންބޮވުމަކީ ރަނގަޅުކަމެއްނޫން ކަމަށެވެ. އަދި އެކަމުގެ ބިރަށް ކާޑުގެ ބާވަތްތައް ގަނެ ގޭގެއަށް ވެއްދުމަކީވެސް ރަނގަޅުގޮތް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެކަމަށް ކުރަންޖެހޭ ކަމަކީ، ބަލިން ރައްކާތެރި ވުމުގެ ފިޔަވަޅުތައް އެޅުން ކަމަށެވެ. އަދި ކާޑު ދަތިނުވެ ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރަށް ލިބެން އެސްޓިއޯގައި އެބަހުރި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުނުކަން ސަރުކާރުން ހާމަކުރުމުން އެ ޕާޓީން ނިންމީ ވަކި މުއްދަތެއް ނެތްގޮތަށް އެ ޕާޓީގެ ކެމްޕެއިން ހަރަކާތްތައް މެދު ކަނޑާލުމަށެވެ. މީގެއިތުރުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ލ. އަތޮޅަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކު ސިޓީއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުވެސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

އެމްޑީޕީގެ އިތުރުން ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން އަންނަ ހުކުރު ދުވަހު އަލިމަސް ކާނިވަލުގައި ބޭއްވުމަށް ތައްޔާރުވި ބޮޑު ޖަލްސާ ނުބޭއްވުމަށް ޖުމްހޫރީ ޕާޓީން ވެސް ވަނީ ނިންމާފައެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން އަތޮޅުތަކަށް ކުރަން ހަަމަޖެހިފައި އޮތް ކެމްޕެއިން ދަތުރުތައް ވެސް މިހާރު ވަނީ ހުއްޓާލާފައެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވީ ޅ. ކުރެއްދޫ ގައި މަސައްކަތްކުރަމުން އައި ބިދޭސީ ދެ މީހެކެވެ. ކޮރޯނާ ވައިރަސް އަށް އެމީހުން ޕޮޒިޓިވް ވެފައިވާކަން ސަރުކާރުން ހަމާކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސް ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.