ކޮވިޑް 19

ރާއްޖޭން ކޮރޯނާ ފެނުމުން ފަތުރުވެރި ކަމަށް ބޮޑު ގޮންޖެހުމެއް އަންނާނެ: ޓޫރިޒަމް މިނިސްޓަރު

އަހުމަދު އައުފް އަބްދުލް ސަމަދު

މިރޭ ރާއްޖެއިން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި ދެމީހުން ފެނިފައިވާއިރު، އެކަމުގެ ސަބަބުނުް ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ ރާއްޖެއިން ކޮރޯނާ ވައިރަސް ފެނުމާއި ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން މުޅި ދުނިޔޭގެ ޓުއަރިޒަމަށް ވެސް މި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ.

މިހާލަތުން އަރައިގަތުމަށްޓަކައި އަދި މި ސިޗުއޭޝަން މެނޭޖް ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ޓުއަރިޒަމް އިންޑަސްޓްރީއާ ގުޅިގެން ކުރަންޖެހޭ ކަންކަން ވަގުތުން ވަގުތަށް ކުރަމުން ގެންދަވާނެކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

" ރާއްޖޭގެ ރިސޯޓުތަކަށް ވެސް އަޅުގަނޑުމެން އެދެނީ ސަރުކާރުންނާއި އެޗްޕީއޭ އިން ދެމުން ގެންދާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށް" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި އެއްވެސް ރައްޔިތަކު ކަންބޮޑުވެ ހާސްނުވުމަށް މިނިސްޓަރު އަލީ ވަހީދު އެދިލެއްވިއެވެ.

"ކުރެއްދޫގައި ތިބި މުވައްޒަފުންނަށް ވެސް އަދި އާއިލާތަކަށް ވެސް އަޅުގަނޑު ދަންނަވާނީ ކަންބޮޑުވެ ވަޑައިނުގަންނަވާށޭ. މިކަހަލަ ކަންތައްތަކަކީ ދިމާވާނެ ކަންތައްތައް. އެހެންވީމާ ދެން އޮންނާނީ އަޅުގަނޑުމެން މިކަމާ ފޭސްކުރުން" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވަނީ ޅ.ކުރެއްދޫ ގައި މަސައްކަތްކުރަމުން އައި ބިދޭސީ ދެ މީހެކެވެ. ރާއްޖެއިން ކޮރޯނާ ވައިރަސް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.