އެމްޑީޕީން ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން، ދުނިޔޭގެ އެކި ގައުމުތަކުގައި ނުރައްކާތެރި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ސަބަބުން ސޯޝަލް މީޑިއާއަށް ބަދަލު ކޮށްފިއެވެ.
މީގެ ކުޑަ އިރުކޮޅެއް ކުރިން އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ދެން އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާނީ، ފޭސްބުކް އާއި ޓްވިޓާގެ އިތުރުން ވަޓްސްއަޕްގައި ކަމަށެވެ.
ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެމްޑީޕީގެ ކެމްޕެއިން ހުއްޓާނުލާކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދުވެސް ވިދާޅުވީ، ކޮރޯނާ ވައިރަހާ ގުޅިގެން، ހާސްވެ ކަމްބޮވުމަކީ ރަނގަޅުކަމެއްނޫން ކަމަށެވެ. އަދި އެކަމުގެ ބިރަށް ކާޑުގެ ބާވަތްތައް ގަނެ ގޭގެއަށް ވެއްދުމަކީވެސް ރަނގަޅުގޮތް ނޫން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެކަމަށް ކުރަންޖެހޭ ކަމަކީ، ބަލިން ރައްކާތެރި ވުމުގެ ފިޔަވަޅުތައް އެޅުން ކަމަށެވެ. އަދި ކާޑު ދަތިނުވެ ދިވެހި ރައްޔިތުންނަށް ބޭނުންވާވަ ރަށްލިބެން އެސްޓިއޯގައި އެބަހުރި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މިކަމާބެހޭގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ އެމްޕެއިން ހަރަކާތްތައް ހަމައެކަނި ސޯޝަލް މީޑީއާގައި ކުރިއަށް ގެންދިޔަކަމަށް ވިޔަސް ކެމްޕެއިންގެ ހަރަކާތްތައް އެއްވެސް ވަރަކަށް މަދު ނުކުރާނެ ކަމަށެވެ. އަދި ކަނޑައަޅާފައިވާގޮތަށް ސޯޝަލްމީޑިއާގައި އެކަންތައް ކުރިއަށް ގެންގޮސް ނިންމަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހަސަން ލަތީފާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައި ވަނީ މި ކަމާ ގުޅިގެން މިއަދު ހެނދުނު ވިލިމާލޭގައި ފެށި ''ރަށްވެހި ފެސްޓިވަލް' މިރޭ 10:00 އަށް ކުރިއަށް ގެންދަން އޮތްނަމަވެސް އެހަރަކާތް ވެސް ވަކި ހިސާބަކުން ކެންސަލް ކޮށްފައިވާ ކަމަށެވެ.
މިހަރަކާތް އިފްތިތާހު ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
މީގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ލ. އަތޮޅަށް ކުރައްވަން ހަމަޖެހިފައި އޮތް ކެމްޕޭން ދަތުރާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކު ސިޓީ އަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުތައްވެސް ވަނީ ކެންސަލް ކޮށްފައެވެ.
އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ސޯޝަލް މީޑިއާއަށް ބަދަލުކޮށްފައިވާއިރު، ލޯކަލް ކައުންސިލްގެ އިންތިހާބު ފެށުމުގެ ގޮތުން އަންނަ ހުކުރު ދުވަހު ޛޭޕީން ބާއްވަން އޮތް ޖަލްސާވެސް ވަނީ ކެންސަލްކޮށް ހަރަކާތްތައްވެސް ހުއްޓާލައިފައެވެ.