ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަސް މެލޭޝިއާގައި އިތުރުވަމުންދާތީ އެގައުުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުން އިތުރަށް ސަމާލުވެ ތިބުމަށް އެދެފިއެވެ.
މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ނެރެނު ބަޔާނެއްގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ސިއްހީގޮތުން ސަމާލުކަންދޭންޖެހޭ ގިނަކަންތައްތަކެއް ބަޔާންކޮށްފައިވެއެވެ.
އެގޮތުން އާންމު ދިރިއުޅުމުގައި ގިނައިން ސައިބޯނި ބޭނުންކޮށްގެން އަތްދޮވުމަށާއި ލޮލާއި ނޭފަތުގައި އަތްލުން ވީހާވެސް މަދުކުރުމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ކޮންމެހެން ޖެހިއްޖެ ހާލަތެއްގައި މެނުވީ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުދިއުމަށާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރި މީހަކު ބަލިމީހުންނަށް ޒިޔާރަތް ނުކުރުމަށް މި ބަޔާނުގައި އެދިފައެވެ.
މީގެއިތުރުން ދޫނި ސޫފާސޫފި އަދި ޖަނަވާރު ގެންގުޅެ ވިއްކާ އަދި ކަތިލާ ތަންތަނަށް ނުދިއުމަށާއި ބިސް އަދި އެއްގަމު މަސް ކެއުމުގެ ކުރިން ރަނގަޅަށް ކައްކައި ރޯފިލުވުމަށް މި ބަޔާނުގައި ވަނީ އެދިފައެވެ.
ހުންއައިސް ކެއްސާނަމަ އަބަދުވެސް އަނގަމަތީގައި ސާޖިކަލްމާސްކު އެޅުމަށާ، ގެއިން ބޭރަށް ނުދިއުމަށް ވެސް މި ބަޔާނުގައި އެދިފައިވެއެވެ. ބަލިމީހާ އެކަހެރިކޮށް ބެހެއްޓޭނެ ކޮޓަރިއެއް ހުރެއްޖެނަމަ އެ ކޮޓަރީގައި ބެހެއްޓުމަށާއި ބަލިމީހާގެ ގާތަށް ދާންޖެހިއްޖެނަަަމަ ތިން ފޫޓު ދުރުމިނުގައި ހުރުމަށް ވެސް މި ބަޔާނުގައި އެދިފައިވެއެވެ.
ދަތުރުފަތުރު ކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތަކެއް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ދަތުރަށް ފުރުމުގެ ކުރިން، ދަތުރުކުރާ ގައުމެއްގައި ބަލީގެ ހާލަތު ހުރި ގޮތް ރަނގަޅަށް ދެނެގަތުމަށާއި ދަތުރުކުރާ ގައުމުގެ ސަރުކާރުން ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އާންމުންނަށް ދީފައިވާ އިރުޝާދުތަކަށް އަހުލުވެރިވުމަށް ވެސް މި ބަޔާނުގައި އެދިފައި ވެއެވެ.
މެލޭޝިއާގައި ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއި އެކު އެގައުމުގައި އުޅޭ ދިވެހިން އެ އެމްބަސީގައި ރަޖިސްޓަރީކުރުމުގެ މަސައްކަތް ދިވެހި އެމްބަސީން ވަނީ ފަށާފައެވެ. އެމްބަސީގައި ރަޖިސްޓަރީ ވެފައިނުވާ ފަރާތްތަކުން އެމްބަސީގެ އެމަޖެންސީ ނަމްބަރު (7895 2655 601+)އަށް ގުޅައިގެން ނުވަތަ އޮންލައިނުކޮށް ފޯމު ފުރައިގެން ރަޖިސްޓަރީވުމަށް އެމްބަސީން އެދެއެވެ.