އިބްރާހިމް ޒަކީ
ވ. ތިނަދޫން ޝައްކު ކުރެވުނު މީހާ، ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ނެގެޓިވް ކަމަށް ޓެސްޓްތަކުން ދައްކާ ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ އެހެނިހެން ބެލުންތައް ބެލުމަށް ފަހު މިހާރު އެރަށަށް އަރާ ފޭބުމަށް ހުރަހެއްނެތުމުން އެރަށަށް އަރައި ފޭބުން އާއްމުކޮށް ހުޅުވާލައިފިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންްސީ (އެޗްޕީއޭ) އިންބުނެފިއެެވެ.
އެޗްޕީއޭއިން ބުނީ، ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން ވ. ތިނަދޫއިން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަ ފަރާތުގެ ކޮވިޑް-19 ގެ ޓެސްޓް ނެގަޓިވްވެފައި ވާކަމަށެވެ.
ނަމަވެސް، ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް އަދިވެސް ހުރުމުން 24 ގަޑިއިރު ފަހުން އެމީހާގެ އިތުރު ޓެސްޓްތައް ހަދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އަދި މިކަމާގުޅިގެން ވ. ތިނަދޫ ގެ “ކޮންޓެކްޓް ޓްރޭސިންގ" ހެދުމާއި ބަލަންޖެހޭ އެހެނިހެން ބެލުންތައް ބެލުމަށް ފަހު މިހާރު އެރަށަށް، އަރައި ފޭބުމަށް ހުރަހެއް ނެތްކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.
އެޗްޕީއޭއިން މިހެން ބުނެފައި ވާއިރު، ޗުއްޓީ ހޭދަކުރަމުން އައި ފްރާންސްގެ ދެ ފަތުރުވެރިޔެއްގެ ހަށިގަނޑުން ކޮރޯނާވައިރަސްގެ އަލާމާތްތައް ފެނިގެން ސަމާ އައިލެންޑް ރިސޯޓު ބަންދުކޮށް، އެ ރިސޯޓުގެ ޑޮކްޓަރާއި ތިން މުވައްޒަފަކު ވެސް ކަރަންޓީނު ކޮށްފައިވާ ކަމަށް އެރިސޯޓުން މިއަދު ވަނީ ބުނެފައެވެ.
ސަމާ އައިލެންޑުން ނެރުނު ބަޔާނެއްގައި ބުނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އުމުރުން 30 އަހަރުގެ ދެ ޓޫރިސްޓަކު ހުން އައިސްގެން، ރިސޯޓުގައި ހުންނަ ޑޮކްޓަރަށް ދެއްކީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެމީހުންގެ ކިބައިން ކޮވިޑްއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުނު ހިސާބުން އެކަން ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އަށް އެންގި ކަމަށެވެ. އަދި އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް އެ އެ ދެމީހުން ތިބީ އެ މީހުންގެ ކޮޓަރީގައި ކަރަންޓީނު ކޮށްފައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި އިޓަލީއަށް ދިޔަ ޓޫރިސްޓަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާތީ، އެ ރިސޯޓްގައި އެ މީހާ އަށް ފަރުވާ ދިން ޑޮކްޓަރު ވެސް ވަނީ ކަރަންޓީނު ކޮށްފަ އެވެ.