އަލްހާން ފަހުމީ

ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމްގެ ތާއީދު އަޅުގަނޑަށް ދެއްވުން އެދެން: އަލްހާން

އައިދާ އަބްދުލް ހަކީމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން އޭނައަށް ތާއީދު ކޮށްދެއްވުމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެދިވަޑައިގެންފި އެވެ.

އަލްހާން ފަހުމީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމްގެ ފަރާތުން މާލޭސިޓީގެ މޭޔަރު ކަމަށް މީހަކު ކުރިމަތިލާފައި ނުވާތީ އެޕާޓީތަކުގެ ލީޑަރުންނާއި އާންމު މެންބަރުން އޭނާއަށް ތާއީދު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޖޭޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލްހާން ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ. ޖޭޕީން ވަކިވެވަޑައިގަތުމަށްފަހު އަލްހާން ޓުވިޓާގައި ވިދާޅުވީ އޭނާ ވަކިވެވަޑައިގަތީ ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި މޭޔަރަކަށް ނުކުންނެވުމުން އޭނާގެ ސިޔާސީ ވިސްނުމާ މެދު ސުވާލު އުފައްދަމުންދާތީ ކަމަށެވެ.

އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ދެމިހުންނެވުމަކީ އޭނާގެ ސިޔާސީ މިނިވަންކަމާ މެދު އިތުރަށް ސުވާލު އުފައްދަން ޖާގަ ލިބޭނެ ކަމަކަށް ވާތީ އެ ފުރުސަތު ދޭން ބޭނުން ނުވާ ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.