ކޮވިޑް 19

އާދިލް ސަލީމްގެ ރައްދެއް ރައީސް ނަޝީދަށް: ޒިންމާދާރު ވާހަކަ ދައްކަވާ! ރައްޔިތުންގެ ސަލާމަތަށް ޒިންމާވާން ވާނެ

އައިދާ އަބްދުލް ހަކީމް

2

ވެރިން ޒިންމާދާރު ވާހަކަ ދައްކަން ޖެހޭ ކަމަށާއި، ރައްޔިތުންގެ ސަލާމަތަށް ވެރިން ޒިންމާވާން ޖެހޭނެ ކަމަށް ވިދާޅުވެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި އެމްޑީޕީގެ މެންބަރު އާދިލް ސަލީމް އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފި އެވެ.

އާދިލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮރޯނާ ވައިރަސް (ކޮވިޑް19) އަށް ފަރުވާއެއް، ވެކްސިނެއް އަދި ނެތް ކަމަށާއި އެހެން ކަމުން އެބަލިން ސަލާމަތް ވުމަށް އޮތް ހަމައެކަނި ގޮތަކީ ކުރިއާލައި އެކަމަށް ތައްޔާރު ވުން ކަމަށެވެ.

"މިބަލީގަ ހުން އައުމުން ރަޖާލިޔަސް ވާނެ ކަމެއް ނެތް. ފަރުވާއެއް ވެކްސިނެއް އަދި ނެތް. ހަމައެކަނި ސަލާމަތްކަން އޮތީ ހުން އަންނާނެ ކަމަށް ރަޖާލުން. ވެރިން ޒިންމާދާރު ވާހަކަ ދައްކަވާ! ރައްޔިތުންގެ ސަލާމަތަށް ތިޔަބޭފުޅުން ޒިންމާ ވާންވާނެ." އާދިލް ސަލީމް ވިދާޅުވިއެވެ.

އާދިލް މިހެން މި ވިދާޅުވީ ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރަށް ހުން ނާންނަނީސް ރަޖާ ލާނަމަ ރާއްޖޭގެ އިގްތިސާދު ހުއްޓިދާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައެވެ.

އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގެ ހަރަކާތެއް ފެށުމަށް އެޕާޓީގެ ހަރުގެ ސަރަހައްދުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރުގައި ފިޔަވަޅުތަކެއް އަޅައިގެން މުޅި ރާއްޖެ ހުއްޓިގެން ނުވާނެ ކަމަށެވެ. މި ރޯގާގެ ކަންކަމުގައި، ދުނިޔެ ހުއްޓުމަކަށް ނުގެނެވޭނެ ކަމަށާއި އަދި ދިވެހިރާއްޖެ ވެސް ހުއްޓުމަކަށް ނުގެނެވޭނެ ކަމަށް ނަޝީދު ވަނީ އެބައްދަލުވުމުގައި ވިދާޅުވެފައެވެ.

އެގޮތަށް ރާއްޖެ ހުއްޓުމަކަށް ގެނެސްފި ނަމަ، ރާއްޖެއަށް ކުރިމަތިވާނެ ގެއްލުން މާ ބޮޑުވާނެ ކަމަށާއި ކޮރޯނާ ވައިރަހާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، (ޑަބްލިއުއެޗްއޯ)އިން ލަފާދެނީ ގިނަގިނައިން އަތް ދޮވުމަށާއި ސާފުތާހިރުކޮށް ތިބުމަށް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟