ސަމާއައިލެންޑް ރިސޯޓުގެ ދެ ފަތުރުވެރިޔަކު ކޯރޯނާއަށް އަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ ރިސޯޓަސް އަރައި ފޭބުން ވަގުތީ ގޮތުން މަނާކޮށް ރަށް ބަންދުކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ ބުނީ، ސަމާ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަރަންސޭސި ވިލާތުގެ ދެ ފަތުރުވެރިޔަކު ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓާ ކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޝައްކު ކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަ ގޮތުގެ މަތިން އެރަށަށް އަރައި ފައިބައި ހެދުން ވަގުތީ ގޮތުން ހުއްޓާލާފައި ވާ ކަމަށާއި މިކަމުގެ އިތުރު މައުލޫމާތު ލިބެމުން އަންނަ ވަރަކުން ހިއްސާ ކުރަމުން ގެންދާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.
ވ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށެއް ކަމަށްވާ، އަދި ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ހިންގާ ތިނަދޫ އާއި ޅ. ކުރެއްދޫ ރިސޯޓުވެސް މި ވަގުތު އޮތީ މީހުންނަށް އަރައި ނުފޭބޭ ގޮތަށް ބަންދު ކޮށްފަ އެވެ. ރޭ ވަރަށް ލަސްވެފައި ވަނިކޮށް ސަރުކާރުން ބޭއްވި ކުއްލި ނިޔުސް ކޮންފަރެންސެއްގައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ތިނަދޫ އަދި ކުރެއްދޫއާ ގުޅޭ ޓެސްޓު ތަކުގެ ނަތީޖާތައް މިއަދު ލިބޭނެ ކަމަށާއި އެ ދެރަށާއި މެދު އަމަލު ކުރާނެ ގޮތެއް ނިންމާނީ އެޔަށް ފަހުގައި ކަމަށެވެ.
ކޮރޯނާ ބަލި ޖެހިފައިވާ މީހުންގެ ޖުމުލަ އަދަދު އެއް ލައްކައިން މައްޗަށް އަރާފައިވާ އިރު، މަރުވި މީހުންގެ އަދަދު ވަނީ 3400 އިން މައްޗަށް އަރާފަ އެވެ. މި ބައްޔަށް ޕޮޒިޓިވް މީހަކު ރާއްޖޭން އަދި ފެނިފައެއް ނުވެ އެވެ.
އެހެން ނަމަވެސް ބަލި ރާއްޖޭން ފެނިއްޖެ ހާލަތެއްގައި އަދި ބޮޑުކޮށް ފެތުރިއްޖެ ނަމަވެސް، އަމަލު ކުރާނެ އުސޫލުތައް ގާއިމުކޮށް އެކަމަށް ރާއްޖެ އޮތީ ތައްޔާރުވެފައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަިދ މި ބަލި ރާއްޖެ ނާންނާނެ ކަމަށް ނުބެލުމަށާއި އަތުވެދާނެ ކަމަށް ބަލައި އެކަމަށް ތައްޔާރުވެ ތިބުމަށް ވަނީ އެދިފަ އެވެ.