ކޮރޯނާވައިރަސްގެ އަލާމާތްތައް ފެންނަ މީހުން މޮނީޓާކުރަން ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވަ ކަރަންޓީން ފެސިލިޓީގައި މިވަގުތު ހަ މީހުން އެބަތިބި ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި މިވަގުތު ތިބީ ހަ މީހުން ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ޗައިނާގެ ބެއިޖިންގް އިން ރާއްޖެ އައި އަންހެނަކާއި ކުޑަކުއްޖަކާއި ވ. ތިނަދޫން ބަލީގެ އަލާމަތްތައް ފެނިގެން ކަރަންޓީންކުރި އިޓަލީގެ ތިން މީހަކާއި ކުރެއްދު ރިސޯޓުގެ ޑޮކްޓަރު ކަމަށެވެ.
މިނިސްޓަރު އަލީ ވިދާޅުވީ، މީގެ ރިސޯޓެއްގެ ގޮތުގައި ބޭނުންކުރި ވިލިވަރު ވެސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެތަނުގައި މިހާރު ވެސް 30 މީހުން ކަރަންޓީން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.
ކޮވިޑް-19ގެ އެއްވެސް ޕޮޒިޓިވް ކޭހެއް ރާއްޖެއިން އަދި މިހާތަނަށް ފެނިފައިނުވާއިރު ރާއްޖޭގެ ހާލަތު އޮތީ ވައިޓް އެލާޓްގައެވެ.
ނަމަވެސް ވ. ތިނަދޫ އަދި ޅ. ކުރެއްދޫ އައިލެންޑު ރިސޯޓު މިވަގުތު އޮތީ ވަގުތީ ގޮތުން މީހުން އަރާ ފޭބުން މަނާ ކޮށްފައެވެ. އަދި އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިނިސްޓަރު އަލީ ވިދާޅުވީ، އެ ދެރަށާމެދު ގޮތެއް ނިންމާނީ އެ ދެ ރަށުން ބަލީގެ އަލާމާތްތަކެއް ފެނިގެން ކަރަންޓީނުކޮށް ޓެސްޓުތައް ހަދާފައިވާ މީހުންގެ ނަތީޖާތައް ލިބުމުން ކަމަށެވެ.