ކުއްލި ޚަބަރު

ކޮރޯނާވައިރަސް ރާއްޖެއިން ފެނިއްޖެ ހިނދެއްގައި އެއާއެކު އުޅެން ދަސްކުރަންޖެހޭ: އަލީ ވަހީދު

އަލީ ޔާމިން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ރާއްޖެއިން ފެނިއްޖެނަމަ އެ ވައިރަސްއާއެކު އުޅެން ދިވެހިން ދަސްކުރަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ، މިވަގުތަށް ބަލާއިރު ރާއްޖެ އޮތީ ހާސްވާންޖެހޭ ހާލަތުގައި ނޫން ކަމަށާއި އެހެންކަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަަށް ހުރިހާ ރައްޔިތުން ވެސް އަމަލު ކުރުން އެދޭ ކަމަށެވެ.

ކޮރޯނާ ވައިރަސް ރާއްޖެއިން ފެނިއްޖެނަމަ އެކަމަކީ ވެސް ދިވެހިން "ސަޕްރައިޒް" ވާންޖެހޭ ކަމެއް ނޫން ކަމަށާއި ރާއްޖެއިން ބަލި ފެނުނު ނަމަވެސް އެ ބައްޔާއެކު އުޅެން ދިވެހިން ތައްޔާރަށް ތިބެންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރާއްޖެއަށް މިބަލި އަތުވެއްޖެނަމަ އެބައްޔާ އެއްކޮށް އުޅެން ވެސް ދިވެހިން ތައްޔާރަށް ތިބެން ޖެހޭނެ. އަޅުގަނޑުމެންނަށް ޕެނިކްވެގެން މި ހިސާބުން ދެން މި ނިމުނީއޭ އެހެން ބުނެފަކާ ފަހަަތަކަށް ނުޖެހެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ ވަށައިގެންވާ ހުރިހާ ގައުމަކަށް ކޮރޯނާވައިރަސް ފެނިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު އަލީ އިތުރަށް ވިދާޅުވީ ރާއްޖެއިން އެބަލި މިހާތަނަށް ވެސް ނުފެނި އޮތީ ހެލްތު މިނިސްޓްރީންނާއި ސަރުކާރުން ގުޅިގެން އަޅަމުން ގެންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ރާއްޖެ މިހާރު އޮތީ ކޮރޯނާވައިރަސްގެ އެންމެ ނުރައްކާތެރި ހާލަތަށް ވެސް ތައްޔާރުވެގެން ކަމަށާއި ނަމަވެސް މިވަގުތު ރާއްޖޭގެ ހާލަތު އޮތީ ނޯމަލް ހާލަތުގައި ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ކޭހެއް ރާއްޖެއިން އަދި މިހާތަނަށް ފެނިފައިނުވާއިރު ރާއްޖޭގައި މިހާރު ވެސް އޮތީ ވައިޓް އެލާޓެވެ. ނަމަވެސް މީގެ ދެ ދުވަސް ކުރިން ބަލީގެ އަލާމާތްތަކެއް ފެނިގެން އިޓަލީން ރާއްޖެ އައި ދިވެއްސަކު ވަނީ ކަރަންޓީން ކޮށްފައެވެ. ނަމަވެސް އޭނާގެ ޓެސްޓުގެ ނަތީޖާ ދެއްކީ ނެގެޓިވް ކަމަށެވެ.

އޭގެ އިތުރުން ރާއްޖެއަށް ކޮރޯނާވައިރަސްގެ ނުރައްކާ އަތުވެދާނެތީ ސަރުކާރުން މިއަދު ވަނީ އިޓަލީން ރާއްޖެއަށް މީހުން އައުން މަނާކޮށްފައެވެ.