ކޮރޯނާވައިރަހާ ގުޅިގެން ގައުމުގެ އިގްތިސާދަށް އަސަރު ކުރި ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅު ހުރީ ދިވެހި އިގްތިސާދު ހިންގަން ކަމަށާއި އެގޮތުން ވައިރަހާ ގުޅިގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކަނޑާލުމަށް ސަރުކާރުގެ ވިސްނުމެއް ނެތްކަން ކަމަށް ވިދާޅުވިއެވެ.
އޭގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުން ކަމަށާއި އެގޮތުން މި ދަނޑިވަޅުގައި ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ނޫނީ ނުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ހަރަދު ކުޑަކުރުމުގައި އަޅުގަނޑުމެން އިސްކަންދޭނީ ދިވެހި ދައުލަތަށް ހިދުމަތްކުރަން ތިބި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކަނޑާކަށެއް ނޫން އަޅުގަނޑުމެންގެ ވިސްނުން މިތިބީ. އަޅުގަނޑުމެންގެ ވިސްނުން ހުރީ މުސާރައާ އެއްޗެހި ހަމަ ލިބޭ ވަރަށް ލިބިފައި އެހެން ނަމަވެސް ސަރުކާރުގެ ހަރަދުތައް، މިސާލަކަށް ވަޒީރުންގެ ދަތުރުތައް ވެސް މަދުކުރުމަށް މިހާރުވާނީ ދަންނަވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދަށް ގެއްލުން ވެދާނެ ކަމަށް ބަލައި ކޮރޯނާވައިރަހާ ގުޅިގެން ފިޔަވަޅު އެޅުން ލަސްކޮށްފައި ނުވާނެކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް ވާޖިބަކަށް ވާނީ ރާއްޖެއަށް ކޮރޯނާވައިރަސް އަޔަނުދޭން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރުން ކަމަށެވެ.
"ރާއްޖޭގެ އާންމު ސިއްހަތު އަޅުގަނޑުމެންނަށް މުހިންމު ވާނީ. ބައެއް ބޭފުޅުން ހިތަށް އަރާފާނެ ޓޫރިޒަމަށް ޑިޕެންޑްވާ ގައުމެއްވީމަ ޓޫރިޒަމަށް ގެއްލުންވެދާނެތީ އަޅުގަނޑުމެން ފިޔަވަޅު އެޅުން ލަސްވެދާނެއޭ. ނޫން. އިގްތިސާދެއް އޮންނަނީ ރާއްޖެ ޕްރޮޓެކްޓް ވެގެން އެހެންކަމުން އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކަށް ވަނީ ރާއްޖެއަށް މި ނާދޭތޯ ވީހާ ވެސް ގިނައިން މަސައްކަތްކޮށް ފިޔަވަޅުތައް އެދިމާއަށް ގެންދިޔުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަލީ އިތުރަށް ވިދާޅުވީ، ކޮރޯނާ ވައިރަހާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އާއްމުކޮށްފައިވާ ގައިޑްލައިންގައިވާ ގޮތަށް ހުރިހާ ރައްޔިތުން ވެސް އަމަލު ކުރުން މުހިންމު ކަމަށެވެ. އަދި މިވަގުތަށް ބަލާއިރު އެއްވެ އުޅުމާއި ދަތުރުފަތުރުކުރުން މަނާ ނޫން ކަމަށާއި ނަމަވެސް އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަން ވެސް ސަރުކާރުން ކުރާނެ ކަމަށް ވިދާޅުވިއެވެ.
ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އައި ހީނަރުކަމާއެކު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ވަނީ މީގެ ކުރިން ނިންމައި ފިޔަވަޅުތަކެއް އަޅައިފައެވެ.
އެގޮތުން މުވައްޒަފުންނަށް ކުރާ ހަރަދުތަކާއި ކެޕިޓަލް ހަރަދުތަކާއި ދަތުރުފަތުރުގެ ހަރަދުތަކާއި އިދާރީ ހިންގުމުގެ ހަރަދުތަކާއި މަރާމާތާއި ބެލެހެއްޓުމުގެ ހަރަދުތައް ކުޑަކުރުމަށް ނިންމާފައިވެއެވެ. އަދި ކޮންމެހެން ފާހަގަކުރަންޖެހޭ ދުވަސްތައް ފިޔަވައި އިތުރު ދުވަސްތައް ފާހަގަނުކޮށް، މުވައްޒަފުންގެ އޯވަޓައިމް ލިމިޓް ކުރުމަށް ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަަކަށް ވަނީ އަންގައިފައެވެ.