ކުއްލި ޚަބަރު

އިޓަލީން ރާއްޖެއަށް މީހުން އައުން މަނާކޮށްފި

އިޓަލީން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން މަނާކުރަން ސަރުކާރުން ނިންމައިފިއެވެ.

އެ ނިންމުން ސަރުކާރުން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗެއާކުރައްވައިގެން އެމްއެންޑީއެފާއި ފުލުހުން އަދި ކަމާގުޅުންހުރި އިދާރާތަކާއި މުއައްސަސާތައް ހިމެނޭ ގޮތަށް މިރޭ ބޭއްވި ވަޒީރުންގެ މަޖިލީހުންނެވެ.

ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ އެ ނިންމުން ހާމަކުރައްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މާދަމާ ރޭ 11:59 އިން ފެށިގެން އިޓަލީން އަންނަ މީހަކަށް ރާއްޖެ އެތެރެނުވެވޭނެ ކަމަށެވެ.

އޭގެ ތެރޭގައި އިޓަލީން ޑައިރެކްޓްކޮށް އަންނަ މީހުންނާއި ޓްރާންސިޓް ކޮށްފައި އަންނަ މީހުން ވެސް ހިމެނޭނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ ރާއްޖެއަށް އެންމެ ރައްކާތެރިކަން ބޮޑު ގޮތް ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނިންމަންޖެހޭ ކޮންމެ ނިންމުމެއް ނިންމާނެ ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އިޓަލީއަކީ އެންމެ ހަލުވިކަމާއެކު ވައިރަސް ފެތުރެމުންދާ ގައުމެވެ. އެގޮތުން ދުނިޔޭގެ 12 ގައުމަކުން އިޓަލީގެ ރައްޔިތުންގެ އެގައުމުތަކަށް އެތެރެވުން ވަނީ މަނާކޮށްފައެވެ.

މިނިސްޓަރު އަލީ އިތުރަށް ވިދާޅުވީ، އިޓަލީގެ ފަތުރުވެރިން ރާއްޖެ އެތެރެވުން ވަގުތީ ގޮތުން މަނާކުރަން ލަސްވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މިހާ ދުވަހު ރާއްޖެއިން ވައިރަސްގެ ކޭހެއް ނުފެނި، ރައްކާތެރިވެފައި އޮތީ ސަރުކާރުން ރަނގަޅު ނިންމުންތަކެއް އެންމެ މުހިންމު ވަގުތުގައި ނެގުމުން ކަމަށް ވިދާޅުވިއެވެ.

"ދެއާ އިސް ނޯ ޕޮސިބިލިޓީ ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ބަންދުކޮށްފައި، އާ ދެން މިގައުމަށް ކޮރޯނާ އަންނަން ނުވާނޭ ކިޔާފައި އެހެން ނުތިބެވޭނެ ދިވެހިރާއްޖެއަކަށް. އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުން ޓައިމްލީ ޑިޒިޝަންސް މިނަގަނީ،" އަލީ ވަހީދު ވިދާޅުވިއެވެ.

ކޮރޯނާވައިރަހާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ މިހާތަނަށް ތިން ގައުމަކުން އަންނަ މީހުން ރާއްޖެއަށް އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފައެވެ.

އެގޮތުން އެންމެ ފުރަތަމަ މަނާކުރީ ވައިރަސް އެންމެ ފުރަތަމަ ފެނުނު އަދި ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާއިން އަންނަ މީހުން ރާއްޖެ އެތެރެވުމަށެވެ. އެއަށްފަހު އީރާނާއި ސައުތު ކޮރެއާގެ ހަތަރު ސަރަހައްދަކުން އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކުރިއެވެ.

އޭގެ އިތުރުން ކުރޫޒް ލައިނާތައް ވެސް ރާއްޖެ އައުން ވަގުތީ ގޮތުން މަނާކުރުމަށް ސަރުކާރުން މިދިޔަ މަހުގެ ފަހުކޮޅު ވަނީ ނިންމައިފައެވެ.