ކުއްލި ޚަބަރު

ވ. ތިނަދޫއަށް މީހުން އަރައި ނުފޭބޭ ގޮތަށް ވަގުތީ ގޮތުން ބަންދުކޮށްފި

ވ. ތިނަދޫގައި ހުރި އިޓަލީ ފަތުރުވެރިއަކު ކޮރޯނާވައިރަހަށް ޝައްކުކުރެވޭ ކަންކަން ފާހަގަވެގެން ކަރަންޓީން ކޮށްފައިވާތީ، އެރަށަށް މީހުން އަރައި ނުފޭބޭ ގޮތަށް ވަގުތީ ގޮތުން އެރަށް ބަންދުކޮށްފިއެވެ.

ތިނަދޫއަށް އަރައި ނުފޭބޭ ގޮތަށް އެ ރަށަށް ބަންދުކޮށްފައި މިވަނީ، އެރަށުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިޓަލީ ފަތުރުވެރިއެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވަނިކޮށެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ވ. ތިނަދޫން ފެނުނު އިޓަލީ ފަތުރުވެރިޔާ މިހާރު ފަރުކޮޅުފުއްޓަށް ގެނެސް ޓެސްޓުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ތިނަދޫއަށް ވަގުތީ ގޮތުން އަރައި ނުފޭބޭ ގޮތަށް ބަންދުކުރީ ފަތުރުވެރިޔާގެ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން ކަމަށާއި އެ މަސައްކަތް ކުރިއަށްދާއިރު ތިނަދޫގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވ. ތިނަދޫގެ އިތުރުން ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ ރިސޯޓު ވެސް ވަނީ ވަގުތީ ގޮތުން އަރައި ނުފޭބޭ ގޮތަށް ބަންދުކޮށްފައެވެ.

އެ ރިސޯޓު ބަންދުކުރީ އެތަނުގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ އިޓަލީގެ ފަތުރުވެރިއަކު ގައުމަށް އެނބުރި ދިޔަ ފަހުން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާކަން އަންގާފައިވުމާއެކު އޭނާހުރި ރިސޯޓުގެ ޑޮކްޓަރުގެ ފަރާތުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރިކަމުގެ މައުލޫމާތު ލިބުމުން އޭނާގެ ޓެސްޓުތަކުގެ ނަތީޖާތައް ލިބެންދެން ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރު ވެސް މިހާރު ކަރަންޓީން ކުރެވިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮންނަ ފަރުކޮޅުފުށީގައި ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކުރެއްދޫ ރިސޯޓާއި ތިނަދޫ މިވަގުތު އޮތީ ހާއްސަ ވަގުތީ ހާލަތެއްގައި ކަމަށެވެ. އަދި އެ ދެ ރަށުގެ ހާލަތާމެދު ގޮތެއް ނިންމާނީ އެ ދެރަށުން އަލާމާތްތަކެއް ފެނިގެން ކަރަންޓީން ކޮށްފައިތިބި މީހުންގެ ނަތީޖާ ލިބުމުން ކަމަށް ވިދާޅުވިއެވެ.

އެގޮތުން ނަތީޖާތައް ޕޮޒިޓިވް ވެއްޖެނަމަ ދެ ރަށުގެ ހާލަތު ވަކި ހާލަތަކަށްދާނެ ކަމަށާއި ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވް ވެއްޖެނަމަ ރަށް ބަންދުން ދޫކޮށްލުން ވެސް އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މިވަގުތާ ހަމައަށް މުޅި ރާއްޖޭގައި އޮތީ ވައިޓް އެލާޓުގައި ކަމަށާއި އެހެންކަމުން ހާސްވުމަކަށް ދާކަށް ނުޖެހޭ ކަމަށް މިނިސްޓަރު އަލީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖެއަށް ވައިރަސް އަޔަސް، އެ ވައިރަހާއެކު އުޅެން ދިވެހިން ދަސްކުރަންޖެހޭ ކަމަށެވެ.