ކުއްލި ޚަބަރު

ކުރެއްދޫ ރިސޯޓަށް އަރައި ފޭބުން މަނާކޮށް، ރިސޯޓުގެ ޑޮކްޓަރު ކަރަންޓީން ކުރަނީ

ޅ. ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއެއްގެ ފަރާތުން ކޮރޯނާވައިރަސް ޑިޒީސް (ކޮވިޑް-19) ފެނުމާއި ގުޅިގެން އެ ރިސޯޓުގެ ޑޮކްޓަރު ކަރަންޓީން ކުރަން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަން އެނގިއްޖެއެވެ.

ކުރެއްދޫ ކައިރީގައި އޮންނަ ޅ. ނައިފަރުގެ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ޝާހިދު "ވަން" އަށް ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި ޗިލީގެ ފަތުރުވެރިއަކު އެގައުމަށް އެނބުރި ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ، އެ ރިސޯޓުގެ ޑޮކްޓަރު ކަރަންޓީން ކުރުމަށް މާލެ ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އޭގެ އިތުރުން ކުރެއްދޫ ރިސޯޓަށް އަރާ ފޭބުން މިހާރު މަނާކޮށް، ރިސޯޓުގެ ހުރިހާ ސްޓާފުން ވެސް ކޮވިޑް-19 އަށް ޓެސްޓު ކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް އަދި ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް އެކަމުގެ ކަންބޮޑުވުން ނޫސްވެރިން ފާޅުކުރުމާއި އެޗްޕީއޭގެ ނަމުގައި ފޭކު ބަޔާނެއް ދައުރުވުމާއި ގުޅިގެން ހެލްތު މިނިސްޓްރީން ވަނީ މިރޭ 11:30 ގައި ދަރުބާރުގޭގައި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފައެވެ.