ކުއްލި ޚަބަރު

ތިނަދޫގައި ހުރި އިޓަލީ ފަތުރުވެރިއަކު ކޮވިޑް-19 އަށް ޝައްކުކުރެވޭތީ ކަރަންޓީން ކުރަނީ

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިޓަލީ ފަތުރުވެރިއަކު ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމުން ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުނު ފަތުރުވެރިޔާ ހުރީ ވ. ތިނަދޫގައި ކަމަށެވެ. އަދި އޭނާ މޮނީޓާ ކުރުމަށާއި ޓެސްޓުތައް ހެދުމަށް އެކަމަށް ކަނޑައަޅާފައިވާ މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮރޯނާވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އިޓަލީގެ ފަތުރުވެރިއެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރަން ނިންމާފައިވާއިރު، އެ ބަލީ އަލާމާތްތަކަކާއެކު ރިޕޯޓްކުރި ދިވެއްސަކު އިއްޔެ ވަނީ ކަރަންޓީން ކޮށްފައެވެ.

އޭގެ އިތުރުން އިޓަލީން އިއްޔެ ރާއްޖެ އައުމުން ކޮވިޑް-19 އަށް މޮނިޓާ ކުރުމަށް ވެސް ދިވެއްސަކު އެކަހެރިކުރިއެވެ. ނަމަވެސް އެ ބައްޔަށް ނެގެޓިވް ވުމުން، އޭނާ ވަނީ ކަރަންޓީނުން ދޫކޮށްލައިފައެވެ.