އިޓަލީން މިއަދު ރާއްޖެ އައުމުން ކޮވިޑް-19 އަށް މޮނިޓާ ކުރުމަށް އެކަހެރި ކޮށްފައިވާ މީހާ އެ ބައްޔަށް ނެގެޓިވް ވުމުން، ކަރަންޓީނުން ދޫކޮށްލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ޔޫރަޕުގައި އެންމެ ބާރަށް ކޮރޯނާވައިރަސް ފެތުރޭ އެއް ގައުމު ކަމަށްވާ އިޓަލީން ރާއްޖެ އައި އެ މީހާއާ ގުޅިގެން ޑރ. އަބްދުﷲ ނިޔާފް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމީހާ އިޓަލީން އެނބުރި އައުމުން އޭނާ އެކަހެރި ކުރުމަށް އެދުނީ އޭނާ ވަޒީފާ އަދާކުރާ ތަނުގެ ފަރާތުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ނަމަވެސް އޭނާގެ ފަރާތުން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް ނިޔާފު ވިދާޅުވެފައިވެއެވެ.
އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އޭނާ މޮނިޓަރިންގަށް ގެންދެވިފައިވަނީ ހަލުވިކޮށް ބަލި ފެތުރޭ ގައުމަކުން އައުމަށްފަހު ބަލީގެ އަލާމާތްތައް ހުރިކަމަށް ރިޕޯޓް ކުރެވިފައިވާތީ ކަމަށެވެ.
ނަމަވެސް ކޮވިޑް-19 އަށް ކުރެވުނު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން މިރޭ އޭނާ މޮނިޓަރިންގް އިން ދޫކޮށްލާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ކަރަންޓީން ކުރި މީހަކު ކޮވިޑް-19 އަށް ނެގެޓިވް ވުމުން ދޫކޮށްލާފައިވާއިރު، ކޮވިޑް-19ގެ އަލާމާތްތަކަކާއެކު އިތުރު ދިވެއްސަކު ރިޕޯޓްކޮށްފައިވާތީ، އޭނާ ޓެސްޓުކޮށް މޮނީޓާ ކުރުމަށްޓަކައި މިއަދު ވަނީ އެކަހެރިކޮށްފައެވެ.