ކޮވިޑް-19ގެ އަލާމާތްތަކަކާއެކު އިތުރު ދިވެއްސަކު ރިޕޯޓްކޮށްފައިވާތީ އޭނާ މިހާރު އެކަހެރިކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިއަދުގެ ހަވީރުގެ ވަގުތެއްގައި ކޮވިޑް-19ގެ އަލާމާތްތަކާއެކު ފެނުނު އެ މީހާގެ ޓެސްޓުކޮށް މޮނީޓާ ކުރުމަށްޓަކައި މިހާޜު އެކަހެރި ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ޓެސްޓުގެ ނަތީޖާ ލިބުމުން އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ބުނެފައިވެއެވެ.
އެޗްޕީއޭގެ ބަޔާނުގައި އިތުރަށް ބުނީ، އިޓަލީން ރާއްޖެ އައި ދިވެއްސަކު ކޮވިޑް-19 އަށް މޮނީޓާ ކުރުމަށް އެކަހެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ މޮނީޓަރިންއަށް ގެންދިޔައީ ހަލުވިކޮށް ބަލި ފެތުރޭ ގައުމަކުން އައުމަށްފަހު ބަލީގެ އަލަމާތްތައް ހުރި ކަމަށް ރިޕޯޓް ކުރެވިފައިވާތީ ކަމަށް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.
ނަމަވެސް ކޮވިޑް-19 ކޮވިޑް-19 އަށް ކުރެވުނު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން މިރޭ އޭނާ މޮނިޓަރިންގް އިން ދޫކޮށްލާފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކޮވިޑް-19 އާގުޅިގެން މީހަކު އެކަހެރި ކުރެވިއްޖެނަމަ، އެމީހާ ދިރިއުޅޭ ގޭގެ މީހުންނާއި އެމީހާއާއެކު ވަގުތު ހޭދަކޮށްފައިވާ މީހުންގެ ރައްކާތެރި ކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
ކޮވިޑް-19ގެ އަލާމާތްތަކާއެކު އިތުރު ދިވެއްސަކު އެކަހެރިކޮށްފައިވާއިރު ކަރަންޓީން ފެސިލިޓީގައި މިވަގުތު ވެސް ދެ މީހުން އެބަތިއްބެވެ. އެއީ މަންމައަކާއި ކުޑަ ކުއްޖެކެވެ.