ކޮވިޑް 19

ކޮރޯނާވައިރަސް: ހާލަތު ރަނގަޅު ކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން 50 ބިލިއަން ޑޮލަރުގެ އެހީ ދެނީ

މިންހާ ފާއިޒް ރަޝާދު

ކޮވިޑް19 (ކޮރޯނާވައިރަސް) އަށް އެހީވުމުގެ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން 50 ބިލިޔަން ޑޮލަރުގެ އެހީދޭން ނިންމައިފިއެވެ.

އައިއެމްއެފުން މި އެހީދޭން ނިންމީ ޗައިނާގެ އިތުރުން ދުނިޔޭގެ 70 ގައުމަކަށް ކޮރޯނާވައިރަސް ފެތުރި 95000 އަށްވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވް ވެފައި ވަނިކޮށެވެ. އައިއެމްއެފުން ބުނީ މިހާރުވެސް ދުނިޔޭގެ އިގްތިސޯދީ ކުރިއެރުން މިދިޔަ އަހަރާ އަޅައި ބަލާއިރު ވަރަށް ބޮޑުތަން ދަށްވެފައިވާ ކަމަށެވެ.

އައިއެމްއެފުން ބުނިގޮތުގައި އެ ފަންޑުން ހުޅުވާލި އެހީ ބޭނުން ކުރާނީ ފަގީރު އަދި ދަށް އާންދަނީ ލިބޭ ގައުތަކަށް ކަމަށެވެ. ހާއްސަކޮށް ސިއްހީ ހިދުމަތް ބަލިކަށި ގައުމުތަކަށް އެހީވާން ނިންމާފައިވާ ކަމަށް އައިއެމްއެފުން ބުނެއެވެ.

އައިއެމްއެފްގެ މެނޭޖިން ޑައިރެކްޓަރު ކްރިސްޓަލިނާ ޖޯޖިއާވާ، ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަންނާނެ ކަމަށް ބެލެވޭ ލޮޅުމުގެ އަންދާޒާއެއްވެސް ކުރަން އަދި ދަތިކަމަށެވެ.

"މިދިޔަ އަހަރަށްވުރެ މާބޮޑަށްވެސް ކުރިއެރުން ދަށްވާނެ. ނަމަވެސް ދަށް ވާނީ ކިހާވަރަކަށް ކަމެއް އަދި ކިހާ ދުވަހަކަށް އެކަން އެހެން އޮންނާނެ ކަމެއް ބުނަން ނޭނގެ" ކްރިސްޓަލިނާ ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ސެންޓްރަލް ބޭންކުން ވަނީ އިންޓަރެސްޓް ރޭޓްތައް ވެސް ކުޑަކޮށްފައެވެ. މިއީ 2008ގައި ދުނިޔޭގެ އިގްތިސޯދަށް ދިމާވި މާލީ މައްސަލަތަކަށް ފަހު އިގްތިސޯދަށް ބޮޑު ލޮޅުންތަކެއް ދިމާވާނެ ފުރަތަމަ ފަހަރުގެ ގޮތުގައި އެމެރިކާއިން ވެސް ފާހަގަ ކޮށްފައި ވެއެވެ.

މިހަފުތާގައި ވޯލްޑް ބޭންކުންވެސް ވަނީ ކޮރޯނާވައިރާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް އެހީވުމަށް 12 ބިލިޔަން ޑޮލަރު ހަމަޖައްސާފައެވެ. މި އެހީގެ ދަށުން ލޯނާއި ހިލޭ އެހީ އަދި ޓެކްނިކަލް އެސިސްޓަންސް ފޯރުކޮށްދޭނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.

ކޮވިޑް19އަށް މިހާތަނަށް ދުނިޔޭގައި 95000 މީހުން ޕޮޒިޓިވް ވެފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 3000 އިން މައްޗަށް އަރައިފަ އެވެ. ބަލިން މުޅީން ރަނގަޅުވެ ދޫކޮށްލި މީހުންގެ އަދަދު ވަނީ 51000 އިން މަތީގަ އެވެ.