މިންހާ ފާއިޒް ރަޝާދު
ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19 ފެށުނީ ޗައިނާއިން ނޫން ކަމަށް އެގައުމުން ބުނެފިއެވެ.
އިއްޔެ ޗައިނާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޗޯ ލީޖިއަން ވިދާޅުވީ ކޮރޯނާވައިރަހަށް ފުރަތަމަ މީހަކު ޕޮޒިޓިވްވީ ޗައިނާއިން ނަމަވެސް އުފެދުނީ އެގައުމުގައި ކަން ނޭނގޭ ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ކޮރޯނާވައިރަސް ފުރަތަމަ ފެށުނީ ކޮން ގައުމަކުން ނޫނީ ކޮން ތަނަކުންތޯ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވެސް ވަނީ މިއީ ގްލޯބަލް ކްރައިސިސްއެއްގެ ގޮތުގައި ކަނޑައަޅައިފައި ކަމަށެވެ. މިހާރު އެންމެންގެ އަމާޒަކަށްވެސް ވާންވީ ދޮގު ހަބަރު ފެތުރުމުން ދުރުވެ މިކަމަށް ހައްލު ހޯދުން ކަމުގައި ތަރުޖަމާނު ވިދާޅުވިއެވެ.
ކޮރޯނާވައިރަހަށް ކޮވިޑް19ގެ ނަން ޑަބްލިއުއެޗްއޯއިން ދިނީވެސް އެއްވެސް ގައުމަކަށް އަދި ތަނަކަށް ނިސްބަތް ނުވާ ގޮތް ބަލާފައި ކަމަށާއި އެގައުމުން ފުރަތަމަ ބަލި ފެނުނު ކަމުގައިވިޔަސް ބަލި ފެށިގެން އުޅެނީ ކޮން ތާކުން ކަމެއް އަދި އެއްވެސް ފަރާތަކަށް ޔަގީން ވެފައި ނުވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ޗައިނާއިން މިގޮތަށް ބުނެފައި މިވަނީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮވިޑް19 ފެތުރި އެ ބަލި ފުރަތަމަ ފެށުނީ ޗައިނާއިން ކަމަށް ބުނެ ޗައިނާ މީހުންނާ މެދު އަނިޔާވެރިވަމުންދާ ދަނޑިވަޅެއްގައެވެ.
ކޮވިޑް19އަށް މިހާތަނަށް ދުނިޔޭގައި 95000 މީހުން ޕޮޒިޓިވް ވެފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 3000 އިން މައްޗަށް އަރައިފަ އެވެ. ބަލިން މުޅީން ރަނގަޅުވެ ދޫކޮށްލި މީހުންގެ އަދަދު ވަނީ 51000 އިން މަތީގަ އެވެ.