ކޮވިޑް 19

ކޮރޯނާއާއަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިޔާސީ ހަރަކާތާއި އެއްވުންތައް މަޑުޖައްސާލަންޖެހޭ: އައްފާލް

ދުނިޔޭގައި ހަލުވި ކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މިހާރު ރާއްޖޭގައި މި ހިންގަމުންދާ ސިޔާސީ ހަރަކާތްތަކާއި އެނޫން އެއްވުންތައް ވެސް ހުއްޓާލަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވެއްޖެ އެވެ.

އައްފާލް މިހެން ވިދާޅުވީ އޭނާ މީގެ ކުޑައިރުކޮޅެއް ކުރީން ކުރެއްވި ޓުވީޓެއްގަ އެވެ.

އައްފާލް ވިދާޅުވީ، ކޮރޯނާގެ ހާލަތު ދުނިޔޭގައި މިވަގުތު އޮތް ނިސްބަތާއި ފެތުރުމުގެ ފުރުސަތުގެ ބޮޑު ކަމަށް ބަލާ އިރު، ރާއްޖޭގައި މި ބޭއްވޭ އެއްވުންތަކާއި ސިޔާސީ ހަރަކާތްތަކާ މެދު، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އައްފާލް އިތުރަށް ވިދާޅުވީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް ވިސްނުމަކީ މި ވަގުތަށް ބަލާ އިރު އިލެކްޝަންސް ކޮމިޝަނަށް ކުރެވިދާނެ ކަމެއް ކަމަށެވެ. އެއީ ރައްކާތެރިކަމަށް ބަލާއިރު އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

އައްފާލް މިމޭރުމުން އޭނާގެ ކަންބޮޑުވުން ފާޅުކުރެއްވި އިރު، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް އިއްޔެ ވިދާޅުވެފައި ވަނީ އިންތިހާބު ލަސްކުރުމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ވެސް އެފަދަ ވިސްނުމެއް ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން އެއް މަހަށް ކައިރިވެފައި ވާއިރު، ސިޔާސީ ބޮޑެތި އެއްވުންތަކާއި ގިނަ އަދަދަކަށް މީހުން ޖަމާވާ ބޮޑެތި ޖަލްސާތައް ބޭއްވުން ވަނީ ގިނަ ވެފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ، ކޮރޯނާއާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މީހުން ގިނައިން އެއްވެ އުޅޭ ޒާތުގެ ހަރަކާތްތައް ކުރިޔަށް ނުގެންދަން ހުރިހާ ފަރާތްތަކަށް އިލްތިމާސް ކޮށްފަ އެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ސްކޫލު ދަރިވަރުންގެ ހުރިހާ އިތުރު ހަރަކާތްތައް އަންނަ މޭ މަހުގެ 20 ވަނަ ދުވަހާއި ހަމަޔަށް ހުއްޓާލަން އަންގާފަ އެވެ.