ކޮވިޑް 19

ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ޓޫރިސްޓަކު ކޮރޯނާއަށް ޕޮޒިޓިވް ވުމުން ގުޅުންހުރި ކަންކަން ބަލަނީ

އައިދާ އަބްދުލް ހަކީމް

ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ޓޫރިސްޓަކު ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19) އަށް ޕޮޒިޓިވް ވެފައިވާތީ އެކަމާ ގުޅުން ހުރި ކަންކަން ބަލަމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ސިއްހީ އިދާރާތަކާއި ދުނިޔޭގެ ސިއްހަތާއިބެހޭ އެޖެންސީތަކާއި ގުޅިގެން އެ މީހާގެ ދަތުރުގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އިއްޔެ ފުރަތަމަ ފަހަރަށް ޗިލީއިން ކޮވިޑް-19 އަށް 33 އަހަރުގެ މީހެއް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެމީހާ ރާއްޖެއަށް ވެސް ދަތުރުކޮށްފައި ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް މީހާ ވަނީ މަސްދުވަސް ވަންދެން އޭޝިއާގެ ގިނަ ގައުމުތަކަކަށް ދަތުރުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އޭގެ ތެރޭގައި ސިންގަޕޫރާއި މެލޭޝިއާއާއި އިންޑޮނޭޝިއާ އަދި ދިވެހިރާއްޖެ ވެސް ހިމެނޭ ކަމަށް ޗިލީގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތުން މައުލޫމާތު ދެއެވެ. އަދި އެމީހާ ޗިލީއަށް އެތެރެވެފައިވަނީ ސްޕެއިން މަގުން ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

ޗިލީގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެމީހާ ޗިލީއަށް އެތެރެވެފައިވަނީ މިދިޔަމަހުގެ 25 ވަނަ ދުވަހު އެވެ. އަދި އޭނާގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެނިފައިވަނީ މިމަހުގެ އެކަކުން ފެށިގެން ކަމަށެވެ.