ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ އިރާނުން 54000 ގައިދީން ދޫކޮށްލައިފިއެވެ.
ހަލުވި ސްޕީޑެއްގައި ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިރާނުން އެގައުމުގެ ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން 54000 ގައިދީން ދޫކޮށްލައިފައި މިވަނީ ކަފާލާތުގެ ދަށުން ކަމަށް އެގައުމުގެ ޖުޑިޝަރީ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
ތަރުޖަމާނު ވިދާޅުވީ ޖަލުން ދޫކޮށްފައިވަނީ ވަކި މިންގަނޑުތަކަކަށް ފެތޭ ގައިދީންގެތެރެއިން ކޮރޯނާއަށް ޓެސްޓްކުރުމަށްފަހު ނެގެޓިވް ވާ މީހުން އެކަނި ކަމަށެވެ. ނުރައްކާތެރި ގައިދީން ދޫނުކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.
އިރާނުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރި އެގައުމުގައި މިހާތަނަށް 77 މީހުން މަރުވެފައިވާއިރު 2336 އަށް ވުރެން ގިނަމީހުންގެ ގައިން ވަނީ މިވައިރަހުގެ އަސަރު ފެނިފައެވެ.
އިރާނު ސަރުކާރުގެ އިސްފަރާތްތަކެއްވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ 290 މެންބަރުންގެތެރެއިން 23 މެންބަރަކު މި ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިރާނުގައި ކޮވިޑް-19 ކޮންޓްރޯލް ނުވާވަރަށް ފެތުރެމުން ދިއުމާއެކު ޑަބްލިއުއެޗްއޯ އިން ވަނީ ހާއްސަ ޓެކްނިކަލް ޓީމެއް އެގައުމަށް ފޮނުވާފައެވެ. އެގޮތުން ހާއްސަ ފްލައިޓެއްގައި މެޑިކަލް އާލާތްތަކާއި ރައްކާތެރިކަމުގެ ސާމާނުގެ އިތުރުން އެއްލައްކަ މީހުން ކޮވިޑް-19 އަށް ޓެސްޓުކުރެވޭ ލެބޯޓަރީ ކިޓުތަކެއްވެސް ވަނީ ފޮނުވާފައެވެ.