މުހައްމަދު އައުޒަމް
ޗިލީއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށާއި އެމީހާވަނީ ރާއްޖެއަށް ވެސް ދަތުރުކޮށްފައި ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިއްޔެ ފުރަތަމަ ފަހަރަށް ޗިލީއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވީ އުމުރުން 33 އަހަރުގެ މީހެއް ކަމަށް އެގައުމުގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތުން ބުނެ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް މީހާ ވަނީ މަސްދުވަސް ވަންދެން އޭޝިއާގެ ގިނަ ގައުމުތަކަކަށް ދަތުރުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އޭގެ ތެރޭގައި ސިންގަޕޫރާއި މެލޭޝިއާއާއި އިންޑޮނޭޝިއާ އަދި ދިވެހިރާއްޖެ ވެސް ހިމެނޭ ކަމަށް ޗިލީގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތުން މައުލޫމާތު ދެއެވެ. އަދި އެމީހާ ޗިލީއަށް އެތެރެވެފައިވަނީ ސްޕެއިން މަގުން ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
ޗިލީގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެމީހާ ޗިލީއަށް އެތެރެވެފައިވަނީ މިދިޔަމަހުގެ 25 ވަނަ ދުވަހު އެވެ. އަދި އޭނާގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެނިފައިވަނީ މިމަހުގެ އެކަކުން ފެށިގެން ކަމަށެވެ.