އިސްލާމިކް މިނިސްޓްރީ

ސައޫދީ ވިސާ ދިނުން ހުއްޓާލާއި މިހާރު ދޫކޮށްފައިވާ ވިސާތައްވެސް ކެންސަލްކޮށްފި

އައިދާ އަބްދުލް ހަކީމް

ރާއްޖޭގެ އުމްރާވެރިންނަށް ވިސާ ދޫކުރުން ހުއްޓާލައި، މިހާތަނަށް އުމްރާގެ އަޅުކަން އަދާކުރުމަށް ވިސާ ހޯދާފައިވާ ފަރާތްތަކުގެ ވިސާ ވެސް ކެންސަލް ކޮށްފައިވާ އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ސައުދީ ސަރުކާރުގެ މި ނިންމުން، ރާއްޖޭގެ ޓްރެވަލް އެޖެންސީތަކާ މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް( ކޮވިޑް19) އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި އެޅި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ބޭރު ގައުމުތަކުން ސައޫދީ އަރަބިއްޔާއަށް އުމްރާވެރިން އެތެރެވުން ވަނީ ވަގުތީގޮތުން މަނާކޮށްފައި ކަމަށް ވާތީ ސައުދީ ސަރުކާރުގެ އެ ނިންމުމަށް އިހުތިރާމްކޮށް، އެކަންކަމަށް ކެތްތެރިވެ ތިބުމަށް އެދޭ ކަމަށެވެ.

އެމިނިސްޓްރީން ބުނީ ބައިނަލްއަގްވާމީ ސިއްހީ ކުއްލި ހާލަތެއް ދިމާވެފައިވާ މި ދަނޑިވަޅުގައި، ދިވެހި އުމްރާވެރީންނާއި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބުކަމުގައެވެ. އެހެންކަމުން ސައުދީ އަރަބިއްޔާއިން އަޅާފައިވާ ފިޔަވަޅު ދިވެހި ސަރުކާރުން ބަލައިގެންފައިވާ ކަމަށެވެ. އަދި މިފަދަ ނިންމުމެއްގެ ސަބަބުން، އުމްރާ ދަތުރުތައް ރާވާފައިވާ ކުންފުނިތަކާއި، އުމްރާއަށް ދިއުމަށް ތައްޔާރުވަމުން އަންނަ ފަރާތްތަކަށް، ދިމާވާނެ ދަތިތަކާއި، ކަންބޮޑުވުންތައް ހުންނާނެކަން މިނިސްޓްރީން ގަބޫލުކުރާ ކަމަށެވެ.

މިނިސްޓްރީން ބުނީ މިކަމަކީ ދިވެހި ސަރުކާރާއި، އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ އަމިއްލަ ބާރު ހިނގާކަމެއް ނޫންކަމުން، މިކަމުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ދޭ އިރުޝާދާއި ލަފަޔާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކޮވިޑް-19 ވައިރަސްއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޓާސްކްފޯސް އެއް އެކުލަވާލައްވާފައިވާ ކަމަށާއި ސަރުކާރުން ވަރަށް ގާތުން އެކަން ބަލަމުން ގެންދާތީ، އެ ފަރާތްތަކުގެ ލަފަޔާއި އިރުޝާދާއެކު، އުމްރާވެރިންނާއި އުމްރާއަށް މިހުން ގެންދާ ކުންފުނިތަކުން އަމަލުކުރަންވީ ގޮތް ހިއްސާކުރަމުން ގެންދާނެކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.