އިބްރާހިމް ޒަކީ
ނުރައްކާތެރިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް19) ރާއްޖެއަށް ވެސް އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްތިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް މިހެން ވިދާޅުވީ، ކޮވިޑް19 ގެ ސަބަބުން އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލަން ޖެހިއްޖެ ނަމަ، ކާޑަށް ނުޖެހޭ ގޮތަށް ތެލާއި ކާޑުގެ ބާވަތްތައް ރައްޔިތުންނަށް ލިބޭނެ ނިޒާމެއް ދުރާލައި ހަމަޖެއްސުމަށް ގޮވާލައި ހުށަހެޅި މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ބަހުސްގައި، ބައެއް މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވުމާ ގުޅިގެންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ ކަމަށާއި، އެއީ ނުވެދާނެ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވަން ވަރަށް އުނދަގޫ ކަމަށެވެ. އަދި ރާއްޖެއަށް ނާންނަ ބައްޔެއް ދުނިޔޭގައި ނޫޅޭނެ ކަމަށާއި، ކޮރޯނާ ވައިރަސް ރާއްޖެއަށް ނާންނާނެ ކަމަށް ހިތްތަކަށް ވައްދައި ދޭން ވެސް އުނދަގޫ ކަމަށެވެ.
"އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާނީ އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ، އެއީކީ ނުވެދާނެ ކަމެއްގެ ގޮތުގައި ދެކެން ވަރަށް އުނދަގޫ، ދިވެހި ރާއްޖެއަށް ވަކި ނާންނަ ބައްޔެއް ދުނިޔަކު ނޫޅެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގައި އުޅޭ ބައްޔެއް ވެއްޖެއްޔާ ރާއްޖެއަށްވެސް އަންނާނެ ކަމަށެވެ. އަދި ބަލިތައް ޖެހުމުން އޮންނަނީ ބަލީގެ ފަރުވާ ހޯދައި ފަރުވާގެ ނިޒާމް ވަރުގަދަ ކުރުން ކަމަށެވެ. އޭގެ ބަދަލުގައި ކަންބޮޑުވެ، ހާސްވެ، ދުއްވައިގަނެ މުދާ ބައްކޮށް، ގެޔަށް ވަދެ ފިލައި ތިބުން ފަދަ ކަންކަމުގެ ތެރެޔަށް ގައުމު ދާން އުޅުމަކީ ޒިންމާދާރު، ބުއްދިވެރި ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ކޮރޯނާ ވައިރަހަށް ވެސް ކުރަން ޖެހޭ ކަމަކީ ސާފުތާހިރުކޮށް އުޅުން ކަމަށާއި، އަތްފައި ދޮވެގެން، ކަރުތެރެ ހިތްކާފައި ނުބެހެއްޓުން ފަދަ ވަރަށް އާދައިގެ އާއްމު ކަންތައްތަކެއް ކަމަށެވެ.
"މި ރޯގާއަށް ވެސް ކުރަން ޖެހޭ ކަމަކީ ސާފު ތާހިރުކޮށް އުޅުން، އަތްފައި ދޮވެގެން ތިބުން، ކަރުތެރެ ހިއްކާފައި ނުބެހެއްޓުން، ވަރަށް އާދައިގެ އާއްމު ކަންތައްތަކެއް މީ، އަޅުގަނޑުމެން ވިހޭއްސުރެން ފަށައިގެން މަދަރުސާއަށް ދިޔައިރުންފެށިގެން ޓީޗަރުންނާއި މައިންބަފައިންނާއި ހުރިހާ ފަރާތްތަކުން މީ ދައްކަމުންދާ ވާހަކަތަކެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.