ކޮވިޑް 19

ކޮވިޑް19އާ ގުޅިގެން ޑަބްލިއުއެޗްއޯގެ ނަސޭހަތަކީ ދަތުރުފަތުރާއި ވިޔަފާރި ހުއްޓާނުލުން: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ކޮވިޑް19 އާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، (ޑަބްލިއުއެޗްއޯ) އިިން ނަސޭހަތްތެރި ވަނީ ދަތުރު ފަތުރާއި ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާނުލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19އާ ގުޅިގެން ދިމާވެދާނެ ކަމަކުން ސަލާމަތް ވުމަށް ރައްޔިތުންނަށް ދަތި ނުވާ ވަރަށް ތެލާއި ކާޑުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް، ދަތި ނުވާނެ ފަދަ ގޮތަކަށް ރާއްޖޭގެ އެކި ހިސާބުން އެތަކެތި ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު މަޖިލީހަށް ހުށަހެޅު ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ހުޅުވައި ލުމަށްފަހު މަޖިލިސް ރައީސް ވިދާޅުވީ، އެކަމާގުޅިގެން އެއްވެސް ބަޔަކު އެއްވެސް ތަނަކަށް ދަތުރު ކުރުން ހުއްޓާލުމަކީ ޑަބްލިއުއެޗްއޯގެ އެދުމެއްނޫން ކަމަށެވެ.

އެހެން ނަމަވެސް ގައުމުތަކުގެ އާއްމު ސިއްހަތުގެ ނިޒާމް ޖުމްލަކޮށް ހަރުދަނާކޮށް އެކަންކަން ރަނގަޅަށް ބަހެއްޓުމަކީ ޑަބްލިއުއެޗްއޯގެ އެދުމެއް ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީށް ވިދާޅުވީ އެކަމަކީ ރަނގަޅަށް ތައްޔާރުވާންޖެހޭ ކަމެއް ކަމަށެވެ.

ނަމަވެސް އެކަމަކީ މުޅި ގައުމު ބަންދުކޮށް މުޅި ހަޔާތް އެއްފުށުން އަނެއްފުށަށް ޖެހެންދެން ތަޅުލެވިގެން ތިބެންޖެހޭ ވަރުގެ ކަމެއްނޫން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ ކޮރޯނާ ވައިރަސް (ކޮވިޑް19) ރާއްޖެއަށް ވެސް އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެއީ ނުވެދާނެ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވަން ވަރަށް އުނދަގޫ ކަމަށާއި ރާއްޖެއަށް ނާންނަ ބައްޔެއް ދުނިޔޭގައި ނޫޅޭނެ ކަމަށަށްވެސް ވިދާޅުވިއެވެ.