ހުސްނުއްސުއޫދު

ސުޕްރީމް ކޯޓުން ސުއޫދު ސަސްޕެންޑްކޮށްފި

ކުރީގެ ބަންޑާރަނައިބު އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދު ސަސްޕެންޑްކޮށްފިއެވެ.

ސުއޫދު ސަސްޕެންޑް ކުރަން ނިންމައި، މިއަދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ވަނީ އިއުލާންކޮށްފައެވެ.

ޑީޖޭއޭއިން ނެރުނު އިއުލާނުގައި ބުނެފައިވަނީ ސުއޫދު ސަސްޕެންޑްކުރީ އޭނާގެ ނަމުގައި ހުޅުވާފައިވާ ޓުވިޓާ އެކައުންޓުން އިއްޔެ ކުރި ޓުވީޓަކާއި، އޭނާއާ ހަވާލާދީ ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމާ ގުޅިގެން އެ މައްސަލަ ބަލަމުންދާތީ ކަމަށެވެ.

އެ މައްސަލަ ބަލަމުންދާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދުގެ ދަށުން ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން މިއަދުން ފެށިގެން މަނާކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ޑީޖޭއޭއިން އިއުލާންކޮށްފައިވެއެވެ.

ސުއޫދު މިއަދު ހެނދުނު ކުރެއްވި ޓުވީޓު

މިއަދު ހެނދުނު ސުއޫދު ކުރެއްވި ޓުވީޓެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ، އިސްތިއުފާދެއްވުމަށް ވަނީ ގޮވާލައިފައެވެ.