އިސްލާމިކް މިނިސްޓްރީ

އަސްކޮއި ގްރޫޕުން 48 މީހަކަށް އުމްރާއަށް ނުފުރުނު މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި

އަސްކޮއި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުމްރާއަށް ފުރުމަށް ހަމަޖެހިފައިވާ 48 މީހަކަށް އުމްރާއަށް ނުފުރުނު އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

އަސްކޮއި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 50 މީހަކު އިއްޔެ ފުރުމަށް ހަމަޖެހިފައިވީ ނަމަވެސް، އޭގެ ތެރެއިން 48 މީހަކަށް އުމްރާއަށް ފުރިފައެއް ނުވެއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެކަން ބަލަމުންދާ ކަމަށާއި އެކަމުގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެ މިނިސްޓްރީން އަޅަމުންދާނެ ކަމަށެވެ.

އިއްޔެ އުމްރާއަށް ފުރަން ހަމަޖެހުނު 50 މީހުންގެ ތެރެއިން 48 މީހަކަށް ފުރިފައިނުވަނީ އެމީހުން އަތުގައި ހުރި ޓިކެޓުތަކަކީ ވަގު ޓިކެޓުތަކަކަށް ވާތީއެވެ. އަސްކޮއި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އުމްރާއަށް ފުރަން ހަމަޖެހިފައިވާ 150 އަށް ވުރެ ގިނަ މީހުންނަށް ވިއްކި ޓިކެޓުތަކަކީ ވަގު ޓިކެޓުތަކެކެވެ.

އަސްކޮއި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ބަޔަކު ވަގު ޓިކެޓްތަކެއް ވިއްކާފައިވާ ކަން ވެސް އެނގުނީ އިއްޔެ އުމްރާއަށް ފުރުމަށް ހަމަޖެހުނު 50 މީހުން އެއާޕޯޓަށް ދިޔަ ފަހުންނެވެ. އެ ގްރޫޕަށް ބަޔަކު ވަގު ޓިކެޓް ވިއްކި މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

އުމްރާއަށް މީހުން ގެންދިއުމަށްޓަކައި އަސްކޮއި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ބައެއް ޓިކެޓު ގަތުމަށް ހަވާލުކޮށްފައިވަނީ ސަމްހާ ގްރޫޕް އިންޓަނޭޝަނަލާއެވެ. އެ ކުންފުނިން އެ ޓިކެޓުތައް ގަނެފައިވާ ޑީބީ ޓްރަވަލްސްއިންނެވެ. އެ ތަނުން ވިއްކި 216 ޓިކެޓުގެ ތެރެއިން 168 ޓިކެޓަކީ ވަގު ޓިކެޓުތަކެވެ.