ކުއްލި ޚަބަރު

ސައުތު ކޮރެއާގެ އިތުރު ދެ ސަރަހައްދަކުން އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކޮށްފި

ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް-19)ގެ ސަބަބުން، ސައުތު ކޮރެއާގެ އިތުރު ދެ ސަރަހައްދަކުން އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިއަދު އާންމު ކުރި ގޮތުގައި ސައުތު ކޮރެއާގެ ނޯތު ޖިއޮންސާންގް ޕްރޮވިންސް އަދި ސައުތު ޖިއޮންސާންގް ޕްރޮވިންސް އިން އަންނަ މީހުން ރާއްޖެ އެތެރެވުން ވަގުތީ ގޮތުން މަނާ ކުރުމަށް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.

އޭޝިއާގައި ޗައިނާ ފިޔަވައި ދެން އެންމެ ބާރަށް ވައިރަސް ފެތުރެމުންދާ އެއްގައުމަކީ ސައުތު ކޮރެއާ ކަމަށް ވާތީ، މީގެ ކުރިން ވަނީ އެގައުމުގެ ދެ ޕްރޮވިންސަކުން ރާއްޖެއަންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކޮށްފައެވެ. އެކަން އަންގާފައިވަނީ މިދިޔަ މަހު 26ގައި ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެގޮތުން ސައުތު ކޮރެއާގައި ކޮރޯނާ ވައިރަސް ފެތުރެމުންދާ މައިގަނޑު ދެ ސަރަހައްދު ކަމަށްވާ ގިޔޮންގްބޮކް އަދި ޑޭގޫ ސަރަހައްދުން އަންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރިކަން ސަރުކާރުން އޭރު އިއުލާނު ކުރި އެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާ ވައިރަސްގެ އެއްވެސް ކޭސްއެއް ފެނިފައި ނުވި ނަމަވެސް ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު އޮތުމުން ސަރުކާރުން އަންނަނީ އެކަމަށް ދުރާލައި ތައްޔާރު ވަމުންނެވެ. އެގޮތުން ސަރުކާރުންވަނީ ސައުތު ކޮރެއާގެ ބައެއް ސަރަހައްދުތަކުގެ އިތުރުން ޗައިނާ އަދި އިރާނުން ރާއްޖެ އަންނަ މީހުން އެތެރެވުން ވެސް ވަގުތީ ގޮތުން މަނާކޮށްފައެވެ.