ހަލުވިކަމާއެކު ދުނިޔޭގައި ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19 ފެތުރޭތީ ޓުވިޓާގެ ވީހާވެސް ގިނަ މުވައްޒަފުން ގޭގައި މަސައްކަތް ކުރުމަށް އެ ކުންފުނިން އަންގައިފިއެވެ.
ޓުވިޓާގެ ރަސްމީ ބްލޮގްގައި އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވަނީ ހޮންގް ކޮންގް، ޖަޕާން އަދި ސައުތު ކޮރެއާގައި ތިބި އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ގޭގައި މަސައްކަތް ކުރުން ލާޒިމު ކަމަށް އަންގާފައެވެ. އެއީ އެގައުމުތަކުގެ ސަރުކާރުތަކުން އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުންނާއިވެސް އެކުގަ އެވެ.
ހަމަ އެއާއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ޓުވިޓާގެ އޮފީސްތަކުގައި މަސައްކަތް ކުރާ 5000 އަށްވުރެ ގިނަ މުވައްޒަފުންނަށް ވަނީ ގޭގައި މަސައްކަތް ކުރުމަށް ބާރު އަޅާފައެވެ.
"ބޭނުންވަނީ ކޮރޯނާވައިރަސް އިތުރަށް ފެތުރުނަ ނުދިނުން. މިއީ ބޮޑު ބަދަލެއް. މިހާރުވެސް މި މަސައްކަތް ކުރަނީ އިތުރަށް ކުންފުނި ރިމޯޓް ކުރެވޭތޯ. މިއީ ބައިނަލް އަގުވާމީ ހިދުމަތެއް." ޓުވިޓާގެ ޗީފް ހިއުމަން ރިސޯސް އޮފިސަރު ޖެނިފާ ކްރިސްޓީ ސޮއިކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ މުވައްޒަފުން ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ އޮފީހަށް ނުދިޔުމަށާއި، ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި އޮފީސް ހުންނާނީ އަބަދުވެސް ހުޅުވާފައި ކަމަށެވެ. އަދި ގަވައިދުން އޮފީސް ސެނަޓައިޒްކޮށް ސާފު ކުރާނެ ކަމަށެވެ.
ޓުވިޓާއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އެ ކުންފުނިން ކުރާ ހުރިހާ ދަތުރުތަކާއި އިވެންޓްތައް ވެސް ކެންސަލް ކުރާނެކަން އަންގާފައެވެ.
ކޮރޯނާ ވައިރަސްއަށް ދުނިޔޭގެ އެކި ގައުމުތަކުން 90000 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ޕޮޒިޓިވް ވެފަ އެވެ.