ކޮވިޑް 19

ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން މާލޭގައި ޓްރެވަލް ކްލިނިކެއް ހުޅުވަނީ

މަރިޔަމް ޝަހުދާ

ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމުގެ ގޮތުން މާލޭގައި ޓްރެވަލް ކްލިނިކެއް ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން ބުނެފިއެވެ.

އެންޑީއެމްއޭ އަދި އެޗްޕީއޭ ގުޅިގެން އާންމު ކުރި ބަޔާނެއްގައި ކޮވިޑް-19އިން ރައްކާތެރި ވުމަށް ރާއްޖޭގައި އަޅަމުން އަންނަ ފިޔަވަޅުތައް ވަނީ އާންމުކޮށްފައެވެ.

އެގޮތުން ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު ބޮޑުކަމަށް ފެންނާތީ ދުރާލައި އެކަމަށް ތައްޔާރު ވުމަށް އެކި މަސައްކަތް ކުރަމުން އަންނަ ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ. މި މަސައްކަތުގެ ތެރެއިން މާލޭގައި ޓްރެވަލް ކްލިނިކެއް ގާއިމު ކުރުމުގެ މަސައްކަތް ކުރުމުގެ އިތުރުން މި ވައިރަހުން ރައްކާތެރިވުމަށް ހާއްސަ އިމަޖެންސީ ޑްރިލެއް މިއަދު ކުރިއަށް ގެންދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. މީގެ އިތުރުން މާލޭގައި ފްލޫ ކްލިނިކެއް ވެސް ގާއިމު ކުރާނެ ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ.

މި ބަޔާނުގައިވާ ގޮތުން ޓްރެވަލް ކްލިނިކަކީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަންނަ ފަރާތްތައް ކޮވިޑް-19 އަށް އިތުރަށް ސްކްރީން ކުރުމުގެ ބޭނުމުގައި ގާއިމު ކުރާ ކްލިނިކެކެވެ. އަދި ޓްރެވަލް ކްލިނިކްގެ އިތުރުން ފްލޫ ކްލިނިކެއް ގާއިމު ކުރަން ނިންމާފައިވަނީ މިދުވަސްވަރު ފެތުރެމުންދާ އެހެނިހެން އާންމު ރޯގާތަކަށް ހާއްސަކޮށްގެން ކަމަށް މި ބަޔާނުގައި ވެއެވެ. އެގޮތުން މި ހަފުތާތެރޭ ފްލޫ ކްލިނިކު ގާއިމު ކުރުމަށް ނިންމާފައިވަނީ ސެނެހިޔާ ހޮސްޕިޓަލުގައި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ އިމަޖެންސީ ޑްރިލަކީ ގޭބިސީއެއްގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވާ ހާލަތެއްގައި ކަމާ ބެހޭ ފަރާތްތަކުން ކަންކުރާނެ މިސްރާބު ހާމަ ކުރުމަށް ކުރިއަށްގެންދާ ޑްރިލެއް ކަމަށް މިބަޔާނުގައި ވެއެވެ. އެގޮތުން އެފަދަ ހާލަތެއްގައި އެޅޭނެ އެންމެ އެކަށޭނެ ފިޔަވަޅުތައް އެޅުމަށް ވެފައިވާ ތައްޔާރީތައް ވަރުގަދަ ކުރުމުގެ ފުރުސަތު މި ޑްރިލްގެ ސަބަބުން ލިބިގެންދާނެ ކަމަށް މި ބަޔާނުގައި ވެއެވެ. ކޮވިޑް-19 ގޭބިސީއަކުން ފެނިއްޖެ ނަމަ އެބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް ކުރެވޭނެ ކަންކަމާއި ކަރަންޓީނު ކުރާނެ ގޮތުގެ އިރުޝާދު ވެސް މި ޑްރިލުގެ ދަށުން ދޭނެ ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ.