އަންހެނުން

އަންހެނުންގެ ދުވަހާއި ގުޅިގެން ބާއްވާ "ރަން ވިތު އަސް 2020" ފަސްކޮށްފި

މަރިޔަމް ޝަހުދާ

އަންހެނުންގެ ދުވަހާއި ގުޅިގެން ވުމަން އިން މެނޭޖްމަންޓް (ވިމް) އިން އިންތިޒާމުކޮށްގެން ބާއްވާ "ރަން ވިތު އަސް 2020" ފަސްކޮށްފިއެވެ.

ވިމް އިން މައުލޫމާތު ދިން ގޮތުގައި މި ދުވުން ފަސްކޮށްފައިވަނީ ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް-19)ގެ ރިސްކް ހައި ކަމަށް ޑަބްލިއުއެޗްއޯ އިން އެންގުމުގެ އިތުރުން، އެކި ގައުމު ތަކަށް މި ބަލި ފެތުރޭ މިންވަރު އިތުރު ވުމާއި ގުޅިގެން ކަމަށެވެ. އަދި މި ނިންމުމަކީ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ދުރާލައި އެޅި ފިޔަވަޅެއް ކަމަށް ވިމް އިން ބުނެއެވެ.

ރަން ވިތު އަސް 2020 ބޭއްވުމަށް ކުރީން ހަމަޖައްސާފައިވާ އޮތީ މި މަހުގެ 20 ވާ ހުކުރު ދުވަހުގެ ހެނދުނު ހުޅުމާލޭގައެވެ. ނަމަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން މި އިވެންޓު ފަސްކޮށް، ދެން މި އިވެންޓު ބާއްވާނީ ރޯދަ މަހަށް ފަހު ކަމަށް ވިމް އިން ބުނެއެވެ.

ވިމް އިން ބުނީ މި ދުވުން ދެން ބާއްވާނެ ތާރީހެއް ކަނޑައާޅައި ފަހުން އިއުލާނު ކުރާނެ ކަމަށެވެ. އަދި މި ދުވުމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުން ނަަމަ 7946687 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރުމަށް ވިމް އިން އެދެއެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން އެޗްޕީއޭ އިން ދެމުން އަންނަ އިރުޝާދުތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލު ކުރުމަށް ވިމް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

"ރަން ވިތު އަސް 2020" އޮބްސްޓަކަލް ދުވުމުގެ އޮބްސްޓަކަލްތައް ހާއްސަކޮށްފައި ވަނީ މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ޝިއާރު ކަމަށްވާ "އީޗް ފޯ އީކުއަލް"އާ ގުޅޭ ގޮތަށް ކަމަށް މީގެ ކުރިން ވިމް އިން ވަނީ ބުނެފައެވެ.