ކޮވިޑް 19

އީރާނުގެ ސުޕްރީމް ލީޑަރުގެ އެޑްވައިޒަރު ކޮރޯނާވައިރަސް ޖެހިގެން އަވަހާރަވެއްޖެ

މިންހާ ފާއިޒް ރަޝާދު

އީރާންގެ ސުޕްރީމް ލީޑަރު އާޔަތުއްﷲ އަލީ ޚުމެއިނީގެ އެޑްވައިޒަރަށް ކޮރޯނާވައިރަސް ޖެހި އަވަހާރަވެއްޖެ އެވެ.

71 އަހަރުގެ މުހައްމަދު މިރްމުހައްމަދީ އަކީ އީރާންގެ އެކްސްޕީޑިއެންސީ ކައުންސިލްގެ މެންބަރެއްވެސް މެއެވެ. ކޮރޯނާއަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މުހައްމަދު އަވަހާރަވީ އިއްޔެގެ ވަގުތެއްގަ އެވެ.

އީރާނުގައި ކޮރޯނާވައިރަސްގެ ޓާސްކްފޯސް ބަލަހައްޓަވަމުން ގެންދެވި އެ ގައުމުގެ ނައިބު ރައީސް އަދި ޑެޕިއުޓީ ހެލްތު މިނިސްޓަރުވެސް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ.

އީރާނުގައި ކޮރޯނާވައިރަސް ފެތުރެންފެށީ މިދިޔަ ހަފުތާގައެވެ. އެއް ހަފުތާ ތެރޭ އެގައުމުން 1501 މީހުންނަށް މި ބަލި ޖެހިފައިވާ އިރު އޭގެ ތެރޭން 66 މީހަކު ވަނީ މަރުވެފަ އެވެ. އަދި 291 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

އީރާނަކީ ޗައިނާގެ ބޭރުން ކޮރޯނާ ޖެހިގެން އެންމެ ގިނަ އަދަދަކަށް މީހުން މަރުވި އެއް ގައުމެވެ. އެ ގައުމުގެ ރައްޔިތުންގެ މަޖިލީހާއި ސްކޫލު އަދި ޔުނިވާސިޓީތައް ބަންދުކޮށްފައިވާއިރު އިގުތިސޯދީ ގޮތުން ގައުމަށް އޮތީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބުނީ އީރާނަށް ފޮނުވި ޓާސްކްފޯހުން އެކަކަށް ވަނީ ކޮރޯނާވައިރަސް ޖެހިފައި ކަމަށެވެ. ޑަބްލިޔުއެޗްއޯ އިން ވަނީ އީރާންގެ 15000 ހެލްތު ވޯކަރުންނަށް ބޭނުންވާ ސާމާނާއި 100000 މީހުން ބައްޔަށް ޓެސްޓު ކުރާނެ ލެބޯޓަރީ ކިޓްސް އެގައުމަށް ހަދިޔާކޮށްފައެވެ.