އިބްރާހިމް ޒަކީ
ގަވާއިދާއި ގާނޫނާ ހިލާފަށް 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭން ކުރަމުންގެންދިޔަ ކަންތައްތަކުގެ ސަބަބުން، ދިވެހި މަސްވެރިކަމަށް ވަގުތުން ވަގުތަށް އީޔޫއިން ފިޔަވަޅު އެޅޭ ގޮތަށް އޮތް ނަމަވެސް ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން އީޔޫއިން ފިޔަވަޅު އެޅުމަށް ކުރިމަތި ވެފައި އޮތް ބިރު ފިލުވާލެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްްޖެއެވެ.
ރާއްޖޭގެ މަސް ޔޫރަޕަށް އެތެރެ ކުރުން މަނާ ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަ ކޮށްފައިވާ މައްސަލަ އާއި، އަތޮޅުތެރޭގައި ގޭދޮށު މަސްޕްލާންޓް ގާއިމް ކުރުމާބެހޭގޮތުން ކޮށްފައިވާ މަސައްކަތްތަކާއި، ޑީސަލް އާއި މަސްވެރިކަމުގެ ބައެއް އާލާތްތަކުން ޑިއުޓީ ކަނޑާލުމާބެހޭގޮތުން، ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ހަސަން ލަތީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމާބެހޭ ގާނޫނާއި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާތީ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އީޔޫއިން ވަރަށް ބޮޑަށް ފާހަގަ ކޮށްފައި އޮތް ކަމަށެވެ.
އަދި 2015 ވަނަ އަހަރުން ފެށިގެން އީޔޫގެ މެރިޓައިމް އެފެއާޒް އާއި ފިޝަރީޒް ޑައިރެކްޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ރާއްޖެއަށް ހަތަރު ފަހަރަކު ޒިޔާރަތް ކުރައްވާފައިވާ ކަމަށާއި، 2015 ވަނަ އަހަރުންފެށިގެން ރާއްޖޭގެ މަސްވެރިކަމުގެ ގަވަނަންސް ނިޒާމުގައި، އަދި މަސްވެރިކަމުގައި ހުރި ގިނަ މައްސަލަތަކެއް އެފަރާތުން ފާހަގަކޮށް އެކަންތައްތައް ހައްލު ކުރުމަށް ފުރުސަތު ދިން ކަމަށެވެ.
"އަދި ޔޫރަޕަށް ގަވާއިދުން މަސް އެކްސްޕޯޓް ކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަންކަން ވަނީ ފާހަގަކޮށްފަ، މިގޮތުން ދިވެހި އަދި ބޭރުގެ އުޅަނދު ފަހަރަށް ފިޔަވަޅު އެޅުމާއި ރާއްޖޭގެ ބަނދަރުތަކަށް ވަންނަ ބޭރުގެ ކެރިއާ ބޯޓްފަހަރުގެ ހަރަކާތްތައް ބެލެހެއްޓުމާއި މަސްރިޕޯޓް ނެގުމާއި މަސްވެރިކަން މެނޭޖް ކުރުމަށް އޮތް ގާނޫނީ އޮނިގަނޑު ބަދަލު ކުރުމަށް ވަނީ އަންގަވައިފަ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، 2019 ވަނަ އަހަރުގެ ފެބްރުއަރީމަހު ރާއްޖެއަށް ހިންގި މިޝަނަށްފަހު މައްސަލަތަކަށް ހައްލު ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނެތުމާއި، އޭރު ރާއްޖޭގައި ކުރަމުންދިޔަ ލޭނު މަސްވެރިކަމުގައި ހިންގަމުންދިޔަ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކުގެ ސަބަބުން ވަގުތުން ވަގުތަށް ރާއްޖެއަށް ފިޔަވަޅު އެޅުމަށް އެކަށީގެންވާ ވަރަށް ކަންކަން ހުރިކަން އެފަރާތުން ފާހަގަ ކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިދިޔަ 12 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފާހަގަ ކޮށްފައިވާ ހުރިހާ ކަމެންހެން ހައްލުކޮށް، އީޔޫއިން ފިޔަވަޅު އެޅުމުގެ ބިރު އެއްކޮށް ނައްތާލެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިދިޔަ ފެބްރުއަރީމަހުގެ 23 އިން 25 ހަށް އީޔޫގެ މިޝަން އަނެއްކާވެސް ރާއްޖެއަށް ޒިޔާރަތްކުރި ކަމަށެވެ. އަދި އެފަރާތުން ފާހަގަކޮށްފައިވާ ކަންކަން ހައްލު ކުރުމަށް ސަރުކާރުގެ އިދާރާތަކާ ގުޅިގެން މިނިސްޓްރީން ކޮށްފައިވާ މަސައްކަތް ފާހަގަކޮށް އެ މިޝަނުން މަރުހަބާ ކިޔާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.