އިބްރާހިމް ޒަކީ
ދާ އަޅައިގެން މަސްވެރިކަން ކުރުމަށް ފުރުސަތު ދިނުމަކީ، އަހަރެއްގެ ތެރޭގައި 15،000 އަށްވުރެ ގިިނަ ދިވެހި މަސްވެރިން 700 އަށްވުރެ ގިނަ އުޅަނދުގައި ބާނާ މަސް 10 ވަރަކަށް ބޯޓުގައި ތާށިވުން ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުން ހުއްޓުވި މައްސަލަ އާއި ރާއްޖޭގެ މަސްވެރިކަން ޒަމާނީ ކުރުމަށް ކޮށްފައިވާ ދިރާސާތަކާ ބެހޭގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ، ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ ތިމާވެއްޓާ ރައްޓެހި މަސްވެރިކަމަކީ ދުނިޔެއަށް މަޝްހޫރު މަސްވެރިކަމެއް ކަމަށެވެ.
އެހެންކަމުން ރާއްޖޭގައި ބާނާ މަހަކީ ދުނިޔޭގައި އެއަށް ޑީމާންޑް އޮތް ބާވަތެއް ކަމަށެވެ. އަދި މަސްވެރިކަން ތަރައްގީ ކުރުމުގައި ވިސްނުން ގެންގުޅުއްވަނީ، ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުން އަންނަ މަސްވެރިކަމުގެ އަސްލު ނުގެއްލޭ ފަދަ ގޮތަކަށް އެ މަސްވެރިކަމުގެ ތެރެއަށް ޒަމާނީ ސިފަތަކާއި ޓެކްނޮލޮޖީތަކާއި އުކުޅުތައް ވެއްދަމަށް ކަމަށެވެ.
ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުން ހުއްޓުވި މައްސަލައާ ބެހޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އަހަރެއްގެ މައްޗަށް ބާނާ 100،000 ޓަނުގެ މަހަކީ 15،000 އަށްވުރެ ގިނަ މަސްވެރިިން 700 އެތައް އުޅަނދެއްގައި ބާނާ މަސް، އިންޑަސްޓްރިއަލް ފްލީޓް ތަކުގައި ދާ ޖަހައިގެން ދިހަވަރަކަށް ބޯޓުން އަހަރެއްގެ ތެރޭގައި އެ އަދަދަށް މަސް ހިފޭނެ ކަމަށާއި އެހެންކަމުން އެއީ މަދު ބައެއްގެ އަތުގައި މަސްވެރިކަމުގެ ނަފާގެ ބޮޑުބައެއް ތާށިވުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.
"ރާއްޖޭގައި އަހަރެއްގެ މައްޗަށް ބާނާ އެއްލައްކަ ޓަނުގެ މަހަކީ ފަނަރަ ހާހަށްވުރެ ގިނަ މަސްވެރިންގެ ހަތްސަތޭކަ އެތައް އުޅަނދެއްގައި ބާނާ މަސް، މިއާ ހިލާފަށް އިންޑަސްޓްރިއަލް ފްލީޓްތަކުގައި ދާ ޖަހައި ހަދައި، ދިހަވަރަކަށް ބޯޓުން އަހަރެއްގެ ތެރޭގައި މިއަދަދަށް މަސް ހިފޭނެ، މިއީ މަދުބައެއްގެ އަތުގައި މަސްވެރިކަމުގެ ނަފާގެ ބޮޑުބައެއް ތާށިވުމަށް މަގުފަހިވާ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ ގިނަ ބަޔަކަށް އެކަމުގެ މަންފާ ލިބޭ ގޮތަށް މަސްވެރިކަމުގެ ސިނާއަތު ބައްޓަންވެފައި އޮތުން ކަމަށެވެ.