މިހާރު ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް( ކޮވިޑް-19)އާއި ގުޅިގެން ސްކޫލްތަކުގެ ހުރިހާ އިތުރު ހަރަކާތްތައް ހުއްޓާލަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެކަން އަންގާފައިވަނީ މިއަދު އެޑިއުކޭޝަން މިނިސްޓަރު ސޮއި ކުރައްވާ އާންމު ކުރި ސާކިއުލާއެއްގައެވެ.
މި ދުވަސްވަރު ރާއްޖެއިން ހިމަބިހި ފެނި، ބައެއް ދަރިވަރުން ހިމަބިއްސަށް ޕޮސިޓިވް ވެފައި ވާތީ އެކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އެޑިޔުކޭޝަންގެ ސާކިއުލާގައި ފާހަގަކޮށްފައި ވެއެވެ. އަދި މި ނިންމުމަކީ މިފަދަ ހާލަތެއްގައި ރާއްޖެއަށް ކޮރޯނާ ވައިރަސް އައުމުގެ ބިރު އޮތުމުން ދަރިވަރުން މި ބަލިތަކުން ރައްކާތެރިކުރުމަށް ދުރާލައި ފިޔަވަޅު އެޅުމުގެ ގޮތުން މިނިސްޓްރީން، އެޗްޕީއޭގެ މަޝްވަރާގެ މަތިން ނިންމި ނިންމުމެއް ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.
އެޑިއުކޭޝަނުގެ ސާކިޔުލާގައި އިތުރަށް ބުނީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ މަސައްކަތަށް އެކުލަވާލާފައިވާ ޓާސްކްފޯހުގެ މަޝްވަރާގެ މައްޗަށް ބިނާކޮށް، އެޗްޕީއޭގެ ޓެކްނިކަލް ލަފާ ގަވައިދުން ހޯދަމުން ގެންދާނެ ކަމަށެވެ. އިތުރު ހަރަކާތްތައް ކުރިޔަށް ގެންދާނެ ގޮތެއް ފަހުން އަންގާނެ ކަމަށް އެޑިޔުކޭޝަނުގެ ސާކިޔުލާގައި ބުނެފައި ވެއެވެ.
ކޮރޯނާ ވައިރަހާއި ގުޅިގެން ސްކޫލު ބަންދު ކުރަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެޗްޕީއޭގެ ލަފާގެ މަތިން އެކަން މިނިސްޓްރީން ސްކޫލުތަކަށް އަންގާނެ ކަމަށާއި މިހާރަށް އިތުރު ހަރަކާތްތައް މަޑު ޖައްސާލުމަށް ނިންމާފައިވާ ނިންމުމަކީ މިއަދުން ފެށިންގެން އަންނަ މޭ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމި ނިންމުމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
އެގޮތުން އަމަލީ ދަތުރުތަކާއި، ކުޅިވަރު ހަރަކާތްތައް އަދި ޕްރެކްޓިސްތައް މަޑުޖައްސާލުމަށް އެޑިއުކޭޝަނުން އަންގާފައިވެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިކޮށްގެން ހިންގާ އިޖުތިމާއީ ހަރަކާތްތަކާއި ހިލޭ ސާބަހަށް ކޮށްދިނުމަށް ރާވާފައިވާ ހަރަކާތްތައް އަދި ސްކޫލުން ބޭރުގައި ބާއްވާ ހަރަކާތްތައް މަޑުޖައްސާލުމަށް ވެސް އެޑިއުކޭޝަނުން ވަނީ އަންގާފައެވެ. މީގެ އިތުރުން އޯވަނައިޓަށް ބާއްވާ ކޭމްޕުތައް، ސްކޫލު ފެއާތައް އަދި ކޮންސެޓުތަކުގެ އިތުރުން މިއަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި މާޗް، އޭޕްރީލް އަދި މެއި މަހަށް ހިންގުމަށް ތާވަލުކޮށްފައިވާ ހުރިހާ ހަރަކާތްތައް ވެސް މަޑުޖައްސާލުމަށް އެޑިއުކޭޝަނުގެ ސާކިޔުލާގައި ވަނީ އަންގާފަ އެވެ.