ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޓެސްޓުކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ އައިޖީއެމްއެޗްގައި ނިއުމޯނިއާއަށް ފަރުވާދެމުން އަންނަ ބަލި މީހަކު މިއަދު ކޮވިޑް-19 އަށް ޓެސްޓުކުރެވުނު ކަމަށާއި އޭނާ ބައްޔަށް ނެގެޓިވް ކަމަށެވެ.
"އައިޖީއެމްއެޗްގައި މި ބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ އިރު، އައިޖީއެމްއެޗްގައި ނިއުމޯނިއާއަށް ފަރުވާދެވެމުންދާ ބަލި މީހަކު މިއަދު ކޮވިޑް-19އަށް ޓެސްޓުކުރެވުނެވެ. އަދި މި ފަރާތް ކޮވިޑް-19އަށް ނެގަޓިވްއެވެ. މިއީ ކޮވިޑް-19 އަށް ރާއްޖޭގައި ކުރެވުނު ފުރަތަމަ ޓެސްޓެވެ..،" އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އެޗްޕީއޭ އިން ބުނީ މިވަގުތު ރާއްޖޭގައި ކޮވިޑް-19 އަށް ޝައްކުކުރެވޭ އެއްވެސް ފަރާތެއް އަދި މި ބަލި ހުރި އެއްވެސް ފަރާތެއް ނެތް ކަމަށާއި ނަމަވެސް މިދިޔަ ޖެނުއަރީ މަހުން ފެށިގެން މި ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަކުރުމަށާއި މި ބަލި ރާއްޖެއިން ފެނިއްޖެ ނަމަ، ފެތުރުން ކޮންޓްރޯލްކޮށް ބެލެހެއްޓުމަށްޓަކައި ތަފާތު ގިނަ ފިޔަވަޅުތައް އެޅިފައިވާ ކަމަށެވެ. އެގޮތުން މި ބަލި ރާއްޖޭގައި އުޅޭތޯ ދެނެގަތުމަށް، ބަލި އުޅޭ ގައުމަކަށް ދަތުރުކޮށްފައިނުވި ނަމަވެސް، ނިއުމޯނިއާ ނުވަތަ އަރިދަފުސް ރޯގާ ޖެހި، ސީރިއަސް ހާލަތަކަށްދާ ބައެއް ފަރާތްތައް ރާއްޖޭގައި ޓެސްޓުކުރަން މިހާރު ފަށާފައިވާ ކަމަށް ވެސް އީޕީއޭ އިން ބުނެއެވެ.
"ކޮވިޑް-19ގެ ހާލަތު ސަރުކާރުން ދަނީ ވަރަށް ގާތުން މޮނީޓާކޮށް ބަލަމުންނެވެ. އަދި ރާއްޖެއަށް މި ބަލި ކޮންމެ ވަގުތެއްގައި އަތުވެދާނެ ކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ އެކަށޭނެ ތައްޔާރީތައް މިހާރު މިދަނީ ވަމުންނެވެ..،" އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އެޗްޕީއޭ އިން އިތުރަށް ބުނީ މި ބައްޔާ ބެހޭ އެންމެހައި މައުލޫމާތު ހާމަކުރަމުންގެންދާނެ ކަމަށާއި ރާއްޖޭން މި ބަލި ފެނިއްޖެ ނަމަ، އެ މައުލޫމާތު ވެސް ހާމަކުރާނެ ކަމަށެވެ. އަދި ދުނިޔޭގައި މި ބަލި ފެތުރެމުންދާ މި ހާލަތުގައި، ބަލިން ރައްކާތެރިވުމަށް ދެވިފައިވާ އިރުޝާދުތަކާ އެއްގޮތަށް ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށާއި ބައްޔާ ބެހޭ މައުލޫމާތު އޮޅުންފިލުވަމުން ގެންދިއުމަށް އިލްމާސްކުރާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.