އަށާރަ އަހަރުވީ ހަނގުރާމައަށް ނިމުމެއް ގެނައުމަށް އެމެރިކާ އާއި އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތާ ދެމެދު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އަފްޣާނިސްތާނުގައި 2001 އިން ފެށިގެން ކުރާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ އޮފިޝަލުންނާއި ތާލިބާން ޖަމާއަތުގެ ވެރިންނާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ގަތަރުގެ ދޯހާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެއްބަސްވުމުގައި އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއެވެ. އަދި ތާލިބާނުގެ ފަރާތުން ސޮއިކުރެއްވީ މުއްލާ އަބްދުލްގަނީ ބެރަދާރެވެ.
ދޯހާގައި އެމެރިކާ އާއި ތާލިބާނާއެކު ސުލްހައިގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވަނީ ޕާކިސްތާން، ގަތަރު، ތުރުކީ، އިންޑިއާ، އިންޑޮނޭޝިއާ، އުޒްބަކިސްތާން އަދި ތަޖިކިސްތާނުގެ ލީޑަރުންގެ ހާޒިރުގައެވެ. އެ އެއްބަސްވުމުގެ ދަށުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ބޭރު ގައުމުތަކުގެ ސިފައިން ފައިބާނެއެވެ.
އެތައް ދުވަހެއްގެ މަޝްވަރާތަކަށްފަހު ސޮއިކުރި އެއްބަސްވުމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ތާލިބާނުން ބުނީ އެ އެއްބަސްވުމާއެކު އަފްޣާނިސްތާނުގައި ތިބި ބޭރުގެ ސިފައިން އެގައުމު ދޫކޮށް ދާނެ ކަމަށާއި އަދި އަފްޣާނިސްތާނުގެ ހަމަނުޖެހުންތަކުގެ ތެރެއަށް ނުވަނުމަށް އެއްބަސްވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން މިއަދު ހެނދުނު ތާލިބާނުން ވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެސް އަންގައިފައެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ތާލިބާނުގެ އޮފިޝަލް، މުހައްމަދު ނައީމް ވިދާޅުވީ އެ އެއްބަސްވުމަކީ އަފްޣާނިސްތާނުގައި ކުރިއަށްދާ ހަނގުރާމަ ނިންމުމަށް ވެވުނު އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމަކީ ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.
ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ ވިދާޅުވީ މިއީ ކާމިޔާބެއް ނަމަވެސް، ހަގީގީ ކާމިޔާބީ ލިބޭނީ އަފްޣާން ރައްޔިތުންނަށް ސުލްހަ ލިބިގެން ކަމަށެވެ.
އެ އެއްބަސްވުމަށްފަހު އެމެރިކާ އާއި އަފްޣާން ސަރުކާރުން ނެރުނު ޖޮއިންޓް ބަޔާނެއްގައި ބުނެފައިވާގޮތުގައި އެ އެއްބަސްވުމުގެ ދަށުން އެމެރިކާ އާއި ނޭޓޯގެ ސިފައިންގެ ވަފުދުތައް 14 މަސްތެރޭ އަފްޣާނިސްތާނުން ފައިބާނެއެވެ. އަފްޣާނިސްތާނުގައި މިވަގުތު ތިބީ އެމެރިކާގެ 14،000 ސިފައިންނާއި ނޭޓޯ އާއި އެހެން ގައުމުތަކުގެ 17،000 ސިފައިންނެވެ.