މިންހާ ފާއިޒް ރަޝާދު
ސިންގަޕޫރުގައި ކޮވިޑް19 ނުވަތަ ކޮރޯނާވައިރަހާއި ގުޅިގެން ކުރީ ސަފުގައި ހިދުމަތް ކުރާ އޮފިސަރުންނާއި އެހެން މީހުނަށް އެއްމަސް ވަންދެން ހާއްސަ ބޯނަހެއް ދޭ ގޮތަށް ހަމަޖައްސައިފިއެވެ.
އެކަން އިއުލާންކުރެއްވީ ސިންގަޕޫރުގެ ޑެޕިއުޓީ ބޮޑު ވަޒީރު ހެންގް ސްވީ ކީޓް އިއްޔެ އެގައުމުގެ މަޖިލީހުގައި ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
މީގެ ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އޮފިސަރުންނާއި، ހޮސްޕިޓަލްތަކުގެ ފްރޮންޓްލައިންގައި ހިމެނޭ މީހުންނާއި، ސީދާ މިބައްޔާ ގުޅިގެން މަސައްކަތް ކުރަންޖެހޭ އެޖެންސީތަކުގެ ފްރޮންޓްލައިން މުވައްޒަފުންވެސް ހިމެނޭ ކަމަށް ޑެޕިއުޓީ ބޮޑު ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ހެންގް ވިދާޅުވީ ބައްޔާއި ގުޅިގެން ޕަބްލިކް އެހެން ދާއިރާތަކުގެ މީހުންވެސް ކުރީ ސަފަށް ނިކުމެ، ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކުރައްވާނެ ކަމަށެވެ.
ހަމައެއާއެކު އެގައުމުގެ ސިޔާސީ މަގާމުގަތުގައި ތިއްބެވި ބޭފުޅުންގެ މުސާރައިގެ އެއްބައި އެއް މަހަށް އުނިކުރެވޭނެ ކަމަށްވެސް ހެންގް ވިދާޅުވިއެވެ. ހެންގް އަކީ ސިންގަޕޫރުގެ ފިނޭންސް މިނިސްޓަރުވެސް މެއެވެ.
އޭގެ ތެރޭގައި ހުރިހާ މަޖިލިސް މެންބަރުންގެ މުސާރައިން އެލަވަންސްތައް ދެބައިކޮށްފައި އެއްބަޔަށް މަދުކުރެވޭނެ ކަމަށާއި ސަރުކާރުގައި ތިއްބެވި ސިޔާސި ވެރިންނަށް ވެސް ދޭނީ ބައި މުސާރަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައުމުގެ ރައީސާ ވެސް ވަނީ އެކަމަނާ ނަންގަވާނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށް ވިދާޅުވެފަ." ބޮޑު ވަޒީރު ވިދާޅުވި އެވެ.
ހެންގް ވިދާޅުވީ ކޮވިޑް19އާ ގުޅިގެން ސިންގަޕޫރު ތައްޔާރީވުމަށް ފަސޭހަވެގެން ދަނީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރުގެ ސަބަބުން ކަމަށެވެ. އަދި މިއީ އެންމެންގެ ކަމެއްގެ ގޮތުގައި ހުރިހާ އެންމެން ދެކި ފަރުދީ ޒިންމާ އަދާކުރާތީ ކަމަށެވެ.