ސިޔާސީ

ވެރިކަމުގައި ރައީސް ޔާމީން ހުންނެވި ނަމަ ތަރައްގީގެ ގިނަ މަޝްރޫއުތައް މިހާރު ހުންނާނީ ނިމިފައި: ޑރ. މުއިއްޒު

އަހުމަދު އައުފް އަބްދުލް ސަމަދު

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުލް ގައްޔޫމް ހުންނެވި ނަމަ ތަރައްގީގެ ގިނަ މަޝްރޫއުތައް މިހާރު ހުންނާނީ ނިމިފައި ކަމުގައި މާލޭ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް ޕީޕީއެމް ގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް " މަގޭ ރާއްޖެ" ނަމުގައި ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އިން ރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މިއަދު މި ފެންނަނީ ގައުމު އޮޔާ ގޮސްފައިވާ މަންޒަރު ކަމަށެވެ.

ރައީސް ޔާމީންގެ ދުވަސްވަރު ފެށިފައި ހުރި ތަރައްގީގެ ގިނަ މަޝްރޫއުތައް މިހާރު މަޑުޖެހިފައިވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ވެރިކަމުގައި ރައީސް ޔާމީން ހުންނެވި ނަމަ އެ މަޝްރޫއުތަކުން ރައްޔިތުންނަށް މިއަދު އުފާވެރިކަން ލިބެމުންދާނެ ކަމަށެވެ.

އެގޮތުން ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ނަމަ، ކިންގް ސަލްމާން މިސްކިތާއި ހިޔާ މަޝްރޫގެ ދަށުން ހުޅުމާލޭގައި އަޅަމުން ގެންދާ ފްލެޓްތައް މިދިޔަ އަހަރުގެ ޖުލައި މަހުގައި ހުންނާނީ ނިމިފަައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލެ ވަށައިގެން އަޅަން ހަދަން ފެށި ރިންގް ރޯޑްގެ މަސައްކަތް ނިމި މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ބުރިޖުގެ އަމަލީ މަސައްކަތްވެސް ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ނަމަ މިހާރު ހުންނާނީ ފެށިފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް މިވަގުތު އެންމެ މުހިންމީ ބޯހިޔާވަހިކަން ކަމުގައި ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ފެއްޓެވި 2500 ހައުސިން ޔުނިޓްގެ މަސައްކަތްވެސް މިހާރު ނެތިގެން ގޮސްފި ކަމަށެވެ. އެހެންކަމުން މޭޔަރު ކަމަށް ހޮއްވަވައިފި ނަމަ އަލުން މި މަސައްކަތްތައް ކުރެވޭނެ ގޮތްތައް ހޯދުމަށް މަސަައްކަތްކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލެ އަކީ ސާފު ތަނަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށާއި ޒުވާނުން ބާރުވެރިކޮށް އަބުރުވެރި ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމުގެ އިތުރުން އިސްލާމްދީން ހިމާޔަތްކުރުމަަށް ވެސް މަސައްކަތްކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެބެ.

ރޭގެ ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ރައްޔިތުން ވެސް ބައިވެރިވި ކަމަށެވެ.