ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތްތަކުގެ ތެރެއިން ހަމައެކަނި ރަންވޭގެ މަސައްކަތް ނިމުމާ ގުޅިގެން، އެ އެއާޕޯޓުގެ ޗެކިންގެ ކަންތައްތައް މިހާރު ކުރިއަށްދަނީ އޮފިސަރުން މޭޒެއް އަޅައިގެން އެތަނުގައި ޗެކިން މަސައްކަތްތައް ކުރާ ގޮތަށެވެ.
ފުރަން ގޮސް ތިބޭ މީހުންގެ ދަބަސްތައް ޗެކްކުރުމުގެ ކަންތައް ކުރިއަށްގެންދަނީ ސިސްޓަމެއް ބޭނުންނުކޮށް، އޮފިސަރުން ވަކިވަކިން ދަބަސްތައް ހުޅުވާ ބަލައިގެންނެވެ.
ރަންވޭއަށް ޓެސްޓް ފްލައިޓެއް ޖެއްސުމަށްފަހު ރައީސް އަބްދުﷲ ޔާމީން، ކުޅުދުއްފުށި އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ މިދިޔަ ހުކުރު ދުވަހެވެ. އޭގެ ފަހުން މަދުމަދުން އެ އެއާޕޯޓަށް ފްލައިޓް ޖައްސަމުން ދިޔަ ނަމަވެސް، ޗެކިންގެ ކަންތައްތަކުގައި ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ.
އޮފިސަރުން ސިސްޓަމެޓިކް ގޮތަކަށް ޗެކިންގެ ކަންތައް ކުރިއަށް ގެންދެވިފައި ނުވަނީ ސެކިއުރިޓީ ޕޯސްޓުގެ މަސައްކަތް އަދި ނިމިފައިނުވާތީއެވެ. އޭގެ އިތުރުން އެއާޕޯޓު ޓަވަރާއި، ޓާމިނަލުގެ މަސައްކަތް ވެސް އަދި ނިމިފައެއް ނުވެއެވެ.
އެކަންތައް އެގޮތަށް ދާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔައި، ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް މީހުން ބުނާގޮތުގައި، އިންތިހާބު ކައިރިވެފައި ވަނިކޮށް، އަވަސް އަރުވާލައިގެން ނަމެއްގައި އެއާޕޯޓު ހުޅުވާލީމާ ވާނީ ވެސް އެހެންނެވެ. އަދި ސަލާމަތީ ކަންކަން ފުރިހަމައަށް ނުދާތީ ބައެއް މީހުން ކަންބޮޑުވުން ވެސް ފާޅުކުރަމުންދެއެވެ.
ކުޅުދުއްފުށި އެއާޕޯޓުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނާގޮތުގައި އެހެން ހުރިހާ މަސައްކަތްތަކެއް ވެސް ދާދި އަވަހަށް ނިމިގެންދާނެއެވެ.