ސިޔާސީ

މާލޭ ސިޓީކައުންސިލްގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އަލްހާން ޖޭޕީން ވަކިވެވަޑައިގެންފި

އިބްރާހިމް ޒަކީ

8

މާލޭ ސިޓީކައުންސިލްގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ވަކިވެވަޑައިގެންފި އެވެ.

އަލްހާން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވަނީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ވޭތުވެދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި އޭނާ ވަނީ ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވައި ފެއިލްވެވަޑައިގެންފައެވެ.

މިކަމާބެހޭ މައުލޫމާތު އޮޅުން ފިލުވުމަށް "ވަން އޮންލައިން" އިން އަލްހާނާ ގުޅާލުމުން ފޯނު ނުނަންގަވާތީ އަލްހާނެ ބަހެއް ނުލިބުނު ނަމަވެސް، އަލްހާން ޖޭޕީން ވަކިވެވަޑައިގެންފި ކަން ޖޭޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު "ވަން އޮންލައިން" އަށް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

އަލީ ސޯލިހު ވިދާޅުވީ އަލްހާން ޖޭޕީން ވަކިވެވަޑައިގެންނެވީ މާލޭ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ކަމަށެވެ.

އަލްހާން އެންމެ ފުރަތަމަ ސިޔާސީ ދާއިރާއަށް ވެންނެވީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ލީޑަޝިޕްގެ ދަށުން ޑީއާރުޕީންނެވެ. އެ ޕާޓިގެ ޓިކެޓްގައި 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ގޮނޑި އަލްހްނާ ކާމިޔާބު ކުރެއްވިއެވެ.

އޭގެ ފަހުން ވެރިކަމަށް އައި އެމްޑީޕީއާ އަލްހާން ގުޅިވަޑައިގަތެވެ. އަލްހާން އަލްހާން ޖޭޕީ އިން ވަކިވެވަޑައިގެންނެވި މިއީ ދެވަނަ ފަހަރެވެ.

އޭނާ ފުރަތަމަ ޖޭޕީ އާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރެއިން ނެވެ. ނަމަވެސް އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީން ވަކިވެވަޑައިގެން، ދެވަނަ ފަހަރަށް އެމްޑީޕީއާ ގުޅިވަޑައިގަތެވެ. ނަމަވެސް 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި، އެމްޑީޕީގެ ޕްރައިމަރީން ފެއިލްވެވަޑައިގަތުމުން ހިޔާލު ތަފާތުވުންތައް އުފެދި، އެ ޕާޓީގެ މެންބަރަކަށް ހުންނަވައި، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި މައްސަލައިގައި އެމްޑީޕީން ވަކި ކުރިއެވެ.

އޭގެ ފަހުން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރު ވެރިކަމުގައި އޮތް ޕީޕީއެމްއާ ވެސް އަލްހާން ގުޅިވަޑައިގަތެވެ. ނަމަވެސް ރިޔާސީ އިންތިހާބު ޖޭޕީ ހިމެނޭ ކޯލިޝަނަށް ކާމިޔާބު ވުމުން ރައީސް ޔާމީނަށް ފާޑު ވިދާޅުވުމަށް ފަހު، 13 ނޮވެމްބަރު 2018 ގައި، އަލުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟