އަންހެނުން ހައިލުވުމުން ބޭނުންކުރާ ތަކެތި (ސެނިޓަރީ ޕްރޮޑަކްޓްސް) ސްކޮޓްލޭންޑުގައި ހިލޭ ލިބޭ ބިލް މަޖިލީހުން ފާސްކޮށްފިއެވެ.
އަންގާރަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މި ބިލް ފާސްކުރީ 112 މެންބަރުންގެ ވޯޓާއެކުއެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ބިލް ހުށަހެޅި މެންބަރު މޮނިކާ ލެނޮން ވިދާޅުވި ގޮތުގައި މި ބިލް ފާސްވުމުން ދޭހަ ކޮށްދެނީ އެގައުމުގެ މަޖިލީހުން ޖިންސުގެ ހަމަހަމަން އިސްކުރާވަރު ކަމަށެވެ.
"މި ބަދަލު ކުރަނީ ސަގާފަތެއް. ބޭނުން ވަނީ އެހެން ގައުމުތަކުންވެސް ނަމޫނާއަކަށް މިކަން ބަލައި އެގޮތަށް އަމަލު ކުރާނެ ދުވަހެއް އައުން." މޮނިކާ ބުންޏެވެ.
މައްސަރު ކަންތަކުގައި ބޮޑެތި ހަރަދުތަކެއް ހިނގާތީ އެއަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެބިލު ފުރަތަމަ ތައްޔާރުކުރީ 2017 ވަނަ އަހަރުއެވެ.
2018 ގައި ނެގި ވޯޓަކުން އެނގުނު ގޮތުގައި އިންގްލޭންޑާއި ސްކޮޓްލޭންޑާއި ވޭލްސްގައި 25 ޕަސެންޓް އަންހެނުން ކޮންމެ މަހަކުވެސް ގިނަ ދުވަސްތަކެއް ސްކޫލާއި އޮފީހަށް ދިޔުމުން މަހުރޫމް ވަނީ ޕީރިއަޑްވުމުން ބޭނުންވާ ސެނިޓަރީ ޕްރޮޑަކްޓްސް ގަތުމަށް ފައިސާ ނެތުމުންނެވެ.
އެމައްސަލަ ބޮޑުވެ، އިންގްލޭންޑާއި ވޭލްސްގައި ސެނިޓަރީ ޕްރޮޑަކްޓްސް ޕްރިމަރީ އަދި ސެކަންޑަރީ ސްކޫލުތަކުގައި ހިލޭ ބަހަން ފެށިއެވެ.
2022 އަހަރުން ފެށިގެން ސެނިޓަރީ ޕްރޮޑަކްޓްސް ތަކުން ސޭލްސް ޓެކްސް ނެގުން ހުއްޓާލުމުގެ ޕްލެޖްއެއް ޔޫރަޕިއަން ޔޫނިއަނުން ވަނީ ކޮށްފައެވެ.