ކޮވިޑް 19

ކޮރޯނާ ވައިރަސް ފެތުރޭތީ، އުމްރާއަށް މީހުން ދިޔުން ސައުދީން މަނާކޮށްފި

މަރިޔަމް ޝަހުދާ

4

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ސަބަބުން ސައުދީ އަރަބިޔާއަށް އުމްރާ ކުރުމަށާއި މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ކުރާ މީހުން އެތެރެވުން ވަގުތީގޮތުން މަނާކޮށްފި އެވެ.

ސައުދީ ފޮރިން މިނިސްޓްރީން ވަނީ މިކަން އިއުލާނުކޮށް މިއަދު ބަޔާނެއް ނެރެފައެވެ.

ސައުދީގެ މި ނިންމުމަކީ ކޮރޯނާ ވައިރަހުގެ ނުރައްކާ މުޅި ދުނިޔެއަށް ބޮޑުވެފައި ވުމުގެ ސަބަބުން ސައުދީގެ ރައްޔިތުންގެ އިތުރުން އުމްރާގެ އަޅުކަން އަދާ ކުރަން ދާ މީހުންގެ ރައްކާތެރިކަމަށް ޓަކައި އެޅި ފިޔަވަޅެއް ކަަމަށް ސައުދީން އާންމު ކުރި ބަޔާނުގައި ވެއެވެ.

ސައުދީގެ މި ބަޔާނުގައި އެގައުމުގެ މި ނިންމުން ދެމި އޮންނާނެ މުއްދަތެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ހައްޖުގެ އަޅުކަމަށް މީހުން އެގައުމަށް ދަތުރުކުރުމާއި ގުޅިގެން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މި ހުރިހާ ނިންމުމަކީވެސް ވަގުތީ ނިންމުންތަކެއް ކަމަށް ސައުދީ ސަރުކާރާއި ހަވާލާދީ ސައުދީގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

ކޮރޯނާ ވައިރަސް އިތުރު ގައުމުތަކަށް ފެތުރޭތީ އާއި ކޮންޓްރޯލު ނުވާތީ، ގައުމުތަކުން ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟