ސިޔާސީ

އެމްޑީޕީގެ ތެރޭގައި އެއްވެސް ބައިބައިވުމެއްނެތް: ހަސަން ލަތީފް

އަހުމަދު އައުފް އަބްދުލް ސަމަދު

5

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ ރާއްޖެ ޓީވީ ގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ބައިބައިވުން އޮތް ކަމަށް ބުނެ ވާހަކަދައްކަނީ ކޮން ބައެއްކަން އެ ޕާޓީގެ މެމްބަރުންނަށް އެނގޭނެ ކަމަށެވެ.

ރައީސުުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ދެމެދު ދެބަސްވުން އުފެދިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ ދާދި ފަހުން ބޭއްވުނު އެ ޕާޓީގެ ޕްރައިމަރީ އަށް ބެލުމުން ވެސް އެކަން ސާފު ވާ ކަމަށެވެ.

މި ޕާޓީގެ ޕްރައިމަރީގައި 1246 މެންބަރުން ވާދަކުރި. އަދި ލޯކަލް ކައުންސިލް އިންތިހާބުގައި މި ޕާޓީގެ ޓިކެޓުގައި 876 ކެނޑިޑޭޓުން އެކި ދާއިރާތަކަށް ކުރިމަތިލާނެ. އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއަށް 610 މެންބަރުން އެބަ ކުރިމަތިލާ. ދެބަސްވުން އޮތް ޕާޓީއެއްގެ ތެރޭގައި މި ޕްރޮސެސް މިހާ ރަނގަޅަށް ނުހިނގާނެކަން ކޮންމެ މީހަކަށް ވެސް އެނގޭނެ" ހަސަން ލަތީފް ވިދާޅުވިއެވެ.

ސަރުކާރުގެ ކޯލިޝަން ރޫޅެނީ ކަމަށް ބުނެ ދެކެވޭ ވާހަކައަށް އިޝާރާތްކުރައްވާ، މި ޕްރޮގްރާމްގައި ހަސަން ލަތީފް ވިދާޅުވީ އެފަދަ ނިންމުމެއް ނިންމާނަމަ ނިންމާނީ އެ ޕާޓީގެ ގައުމީ މަޖިލީހުން ކަމަށެވެ. ނަމަވެސް ސަރުކާރު ހިންގެވުމުގައި ރައީސަށް ދަތިފުޅުވާ އެއްވެސް ކަމެއް ވާނަމަ ރައީސަށް ފަސޭހަކޮށްދެއްވުމުގެ ގޮތުން އެ ޕާޓީން ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށް ހަސަަން ލަތީފް ވިދާޅުވިއެވެ. ސަރުކާރު އައީ ކޯލިޝަނެއްގެ ތެރެއިން ކަމުގައިވިޔަސް މެނިފެސްޓޯ އަކަށް ގެނައީ އެމްޑީޕީގެ މެނިފެސްޓޯ ކަމަށާއި އެހެންކަމުން އެ މެނިފެސްޓޯ ތަންފީޒު ކުރުމަށް މި ސަރުކާރުން ކުރެވުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާއި މެދު ހިތްހަމަ ޖެހިވަޑައިގަތްނަމަވެސް ބައެއް މަސައްކަތްތައް އެންމެ ބޭނުންވާ ގޮތަށް ކުރިއަށް ނުދާކަން ހަސަން ލަތީފް ފާހަގަކުރެއްވިއެވެ. އެގޮތުން ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ދާ ގޮތް ލަސްކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ވެރިކަންކުރާ އެމްޑީޕީގެ ތެރޭގައި ބައިބައިވުން ނެތްކަމަށް ހަސަން ލަތީފް ވިދާޅުވި ނަމަވެސް އެ ޕާޓީގެ ތެރޭގައި ބޮޑު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން އެމްޑީޕީގެ އެތެރޭގައި ހިނގަމުން ދަނީ ފިނި ހަނގުރާމައެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ވިދާޅުވެފައެވެ. ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި އުމަރު ވިދާޅުވީ، މިހާރު މިއޮތް ސަރުކާރުގެ އެތެރޭގައި އޮތީ ދެ ވެރިކަމެއް ކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހާއި ޕްރައިމް މިނިސްޓަރެއްގެ ރޯލު އަމިއްލައަށް އަދާކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

އުމަރު ވިދާޅުވީ، ސަރުކާރު ކޯލިޝަން ދަމަހައްޓަން ރައީސް ސޯލިހު މަސައްކަތްކުރައްވަނީ ސިޔާސީ ގޮތުން ދިރިހުރުމަށް ކަމަށެވެ. އަދި ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ އެ ކޯލިޝަން ރޫޅާލައިގެން ރައީސް ސޯލިހު އެކަނިކޮށް، އެމަނިކުފާނު ބަލިކުރައްވަން ކަމަށް އުމަރު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟