ކުރޫޒް ލައިނާތައް ރާއްޖެ އައުން ވަގުތީ ގޮތުން މަނާކުރުމަށް ސަރުކާރުން މިއަދު ނިންމައިފިއެވެ.
ކޮރޯނާވައިރަސްގެ މިހާރުގެ ހާލަތަށް ބެލުމަށްފަހު ސަރުކާރުން ނިންމި ނިންމުން އިއުލާން ކުރެއްވީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގައި ސްކްރީން ކުރުމުގެ ކަންތައް ކުރިއަށްދަނީ ވަރަށް ވަރުގަދަކޮށް ކަމަށާއި އެގޮތުން ރާއްޖެއަށް އެތެރެވެވޭ ހުރިހާ ދޮރަކުން އެތެރެވާ މީހުން ތާމަލް ކެމެރާ ބޭނުންކޮށްގެން ސްކްރީން ކުރަމުންދާ ކަމަށެވެ.
އޭގެ އިތުރުން ރާއްޖެއަށް ބަނދަރުކުރި ކުރޫޒްލައިނާތައް ވެސް ބަނދަރުކުރުމުގެ ހުއްދަ ދެނީ 14 ދުވަސް ކުރިން އެ އުޅަނދު ދަތުރުކޮށްފައިވާ ބަނދަރުތަކާއި އެދުވަސްތަކުގައި އެ އުޅަނދުތަކަށް އެރި މީހުންގެ މައުލޫމާތު ހޯދުމަށްފަހު އަދި އެ އުޅަނދަކުން ފައިބާ ކޮންމެ މީހަކު ސްކްރީން ކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ކުރޫޒްލައިނާތައް ރާއްޖެއައުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމީ، އެފަދަ އުޅަނދުތަކަކީ އެކި ގައުމުތަކަށް ބަނދަރުކޮށްފައި އަންނަ އުޅަނދުތަކަށް ވުމާއެކު އޭގެ އުޅަނދެއްގެ ތެރޭގައި ވައިރަހުގެ ކޭހެއް ފެނިއްޖެނަމަ އޭގެ އެތެރޭގައި އެ ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުކަމުން، އެ ރިސްކު ނަގަން ސަރުކާރުން ބޭނުންނުވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަމީން އިތުރަށް ވިދާޅުވީ، ކުރޫޒްލައިނާތަކަށް އަލުން ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ ދެވޭނީ ހާލަތަށް އަންނަ ބަދަލުތައް ރިވިއު ކުރުމަށް ފަހުގައި ކަމަށެވެ.
ފެބްރުއަރީ ތިން ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކޮރޯނާވައިރަހަށް ސްކްރީންކުރި މީހުންގެ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، މިވީ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެތެރެވެފައިވާ 140،000 މީހުން ސްކްރީން ކުރެވިފައިވާ ކަމަށެވެ.
އޭގެ ތެރެއިން ހުމުގެ އަލާމާތް ނެތްނަމަވެސް 538 މީހަކާ އިތުރަށް ސުވާލުކޮށްފައިވާއިރު ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދީ 37 މީހެއް އަނބުރާ ފޮނުވާލައިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ކޮރޯނާވައިރަސް ޖެހިގެން ކަރަންޓީން ކުރެވުނީ 16 މީހުން ކަމަށެވެ.