އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައިވާ ކުޑަ ކުދިންގެ ބަގީޗާ ހުޅުވާފައި ހުންނަ ވަގުތު ކުޑަ ވެގެން ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސްކޫލު ބަންދުގައި ބަގީޗާ ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްދެއްވައިފި އެވެ.
މިނިސްޓަރަށް ނިސްބަތްކޮށް މީހަކު މިއަދު ކުރި ޓުއީޓެއްގައި ބުނެފައި ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިންގެ ބަގީޗާ ބޭނުން އެންމެ ފުރިހަމަ އަށް ހިފުމަށް އެތަން ހުޅުވާފަ ހުންނަ ގަޑި އިތުރު ކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު ބަގީޗާ ހުޅުވާ ގަޑި އަކީ ހަވީރު ހަތަރަކުން އިރުއޮއްސި 6:30 އަށް ކަަމަށެވެ.
މިނިސްޓަރު މާރިޔާ ވަނީ މިރޭ އެ ޓުއީޓަށް ޖަވާބު ދެއްވާފައެވެ. މިނިސްޓަރުގެ ޓުއީޓުގައި ބުނެފައި ވަނީ ސްކޫލު ބަންދު ދުވަސް ތަކުގައި ހެނދުނު ހަތަކުން 10 އަށް އަދި އަސްރުން މަގްރިބް ގަޑި ޖެހެންދެން ކުޑަކުދިންގެ ބަގީޗާ ހުންނާނީ ހުޅުވާފަ ކަމަށެވެ.
އެމްއެންޑީއެފުގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވި ގޮތުގައި ބަގީޗާ ހުޅުވާފައި ހުންނަ ވަގުތު ތަކުގައި ސިފްކޯއިން ހިންގާ ފިހާރަ "ކާކީ" ގެ ހިދުމަތް ލިބެން ހުންނާނެ ކަމަށެވެ.