އީރާނާއި ސައުތް ކޮރެއާގެ ދެ ސަރަހައްދަކުން ރާއްޖެ އަންނަ މީހުން އެތެރެވުން ސަރުކާރުން މަނާކޮށްފިއެވެ.
ސަރުކާރުން މިކަން އިއުލާން ކުރެއްވީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ.
ކޮރޯނާވައިރަހުގެ ހާލަތު މޮނީޓާ ކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އީރާނުން މައުލޫމާތު ދިނުމުގައި މައްސަލަތަކެއް އުޅޭ ކަމަށާއި ނަމަވެސް އެގައުމުން ރާއްޖެ އަންނަ މީހުން އެތެރެވުން ވަގުތީ ގޮތުން މަނާކުރީ އީރާނަކީ މެދުއިރުމައްޗަށް ވައިރަސް ފެތުރުމުގެ މައިގަނޑު ދޮރާށި ކަމަށް ބެލެވޭތީ ކަމަށެވެ.
ސައުތު ކޮރެއާއިން ރާއްޖެ އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކުރަން ނިންމީ، އެގައުމަކީ އޭޝިއާގައި ޗައިނާ ފިޔަވާ އެންމެ ބާރަށް ވައިރަސް ފެތުރެމުންދާ ގައުމަށްވުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.
އެގޮތުން އެގައުމުގެ ގިޔޮންގްބޮކް އަދި ޑޭގޫ ސަރަހައްދުން އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކުރީ އެ ދެ ސަރަހައްދަކީ ސައުތު ކޮރެއާގައި އެ ވައިރަސް ފެތުރެމުންދާ މައިގަނޑު ދެ ސަރަހައްދުކަމަށް ފާހަގަކުރެވިފައިވަތީ ކަމަށެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އިޓަލީގައި ވެސް ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދިޔަ ނަމަވެސް އެގައުމުން މީހުން އައުން މަނާ ނުކުރަނީ ކީއްވެގެންތޯ ނޫސްވެރިއަކު އެހި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އިޓަލީގެ ހާލަތު ވެސް ވަރަށް ރަނގަޅަށް މޮނީޓާ ކުރަމުންދާ ކަމަށެވެ.
އެގޮތުން އެގައުމުގެ ސަރުކާރުން އަޅާފައިހުރި ފިޔަވަޅުތައް މޮނީޓާކޮށް، ޔޫރަޕްގެ އެހެން ގައުމުތައް ވެސް މޮނީޓާކޮށް ބަލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކަށް ބަލާފައި އިޓަލީ އާއި އެހެން ގައުމުތަކާމެދު އަޅާނެ ފިޔަވަޅުތައް ކަމާބެހޭ އިދާރާތަކުން މަޝްވަރާ ކުރުމަށްފަހު އަޅަމުން ގެންދާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކޮރޯނާވައިރަސް ފެތުރެމުންދާ ހާލަތަށް މިހާރު އައިސްފައިވާ ބަދަލުން، ބޮޑު ރޯގާއަކަށް ވުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކޮށް އެކަމަށް ތައްޔާރުވުމަށް ހުރިހާ ގައުމަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިރުޝާދު ދެމުންދާ ކަމަށެވެ.