ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އިޓަލީގައި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފެތުރިގެން ދިޔުމާއެކު މަގުބޫލު ފިލްމު މިޝަން އިމްޕޮސިބަލްގެ ހަތް ވަނަ ބައި ޝޫޓް ކުރުން މަޑުޖައްސާލައިފިއެވެ.
ފިލްމުގެ ޝޫޓިން ފަށާ ގޮތަށް ހަމަޖައްސާފައި އޮތީ ކުރިއަށް އޮތް ހަފުތާގައި އިޓަލީގެ ވެނިސްގައެވެ. ނަމަވެސް ޔޫރަޕްގެ ގައުމުތަކުގައި ކޮރޯނާ ވައިރަސް މިހާރު ފެތުރެމުންދާ ގޮތާމެދު ކަންބޮޑުވެ ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިން ވަނީ ޝޫޓިން ފަސް ކޮށްފައެވެ.
އިޓަލީގައި މިހާތަނަށް 200 މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެފައި ވާއިރު، ހަތް މީހުން މަރުވެއްޖެއެވެ.
އެގައުމަކީ ކޮރޯނާ ވައިރަހުގެ އަސަރު ތިން ވަނައަށް އެންމެ ބޮޑަށް ކޮށްފައިވާ ގައުމެވެ. އެންމެ ފުރަތަމަ ޗައިނާގައި ފެތުރެން ފެށި މި ވައިރަސް ދުނިޔޭގެ 26 ގައުމަކަށް ފެތުރިފައި ވާއިރު ދެވަނައަށް އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ ސައުތު ކޮރެއާއަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ބަތަލު ޓޮމް ކްރޫޒް ވެސް ޝޫޓިންއަށް އިޓަލީއަކަށް ނުދެއެވެ. އަދި ކްރޫ މެންބަރުން ވަނީ އަނބުރާ ފޮނުވާލާފައެވެ.
މިއީ މިޝަން އިމްޕޮސިބަލްގެ ފިލްމުތައް ނެރެން ފެށިފަހުން ފިލްމެއް ފަސްކުރަން ޖެހުނު އަދި ފިލްމަށް އުނދަގޫތަކާ ކުރިމަތިވި ފުރަތަމަ ފަހަރެވެ.